އެމް.އެން.ޔޫ.އެސް.ޔޫ-މެޑިކޯސް ހިދާޔަތު ސުވާލު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އިން ކަށަވަރުކޮށްފިއެވެ. އެފް.އެހް.ޓީ.އެސްއިން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރު ބޭއްވުނު މުބާރާތުގެ ގްރޫޕް-އޭގެ މެޗަށް ފަހުއެވެ.
މުބާރާތުގެ ގްރޫޕް-އޭގެ މެޗުގައި އިއްޔެ ހަވީރު ބައްދަލުކޮށްފައިވަނީ އެފް.އެޗް.އެސް، އެފް.އެޗް.ޓީ.އެސް އަދި އެމް.އެން.ޔޫ.ބީ.އެސް އެވެ. މިމެޗުގެ ފުރަތަމަ ދެރައުންޑަށްފަހު އެމް.އެން.ޔޫ.ބީއެސް ހާލަތު ރައުންޑްގެ ފުރަތަމަ ޖާގަ ކަށަވަރުކުރިއިރު، އެފް.އެޗް.އެސް އަދި އެފް.އެޗް.ޓީ.އެސް ޓީމުގެ ޕޮއިންޓް ވަނީ ހަމަހަމަވެފައެވެ. އެހެންކަމުން ހާލަތު ރައުންޑަށް ދަތުކުރާނޭ ދެޓީމު ކަނޑައެޅުމުގެ ގޮތުން ބޯނަސް ރައުންޑެއް ކުރިއަށްދިޔައިރު، މިރައުންޑް ކާމިޔާބުކުރީ އެފް.އެޗް.ޓީ.އެސްއިންނެވެ.
ހާލަތު ރައުންޑްގައި އެފް.އެޗް.ޓީ.އެސް އަދި އެމް.އެން.ޔޫ.ބީއެސް ގެ ގަދަހިފުން ކުރިޔަށް ދިޔައީ ވަރަށްވެސް ވާދަވެރިކޮށެވެ. އެމް.އެން.ޔޫ.ބީއެސްއަށް ހާލަތު ރައުންޑްގެ 3 ސުވާލުގެ ތެރެއިން ރަނގަޅުކުރެވުނީ 2 ސުވާލެވެ. އަދި އެފް.އެޗް.ޓީ.އެސް ޓީމުގެ ހާލަތާ ގުޅިގެން ކުރެވުނު 3 ސުވާލުގެ ޖަވާބުވެސް ރަނގަޅުކޮށް، ފައިނަލުގެ ޖާގަވަނީ ކަށަވަރުކޮށްފައެވެ. މިބުރުގައި އެފް.އެޗް.ޓީ.އެސްއަށް 15 ޕޮއިންޓް ލިބުނު އިރު، އެމް.އެން.ޔޫ.ބީއެސްއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.
މިމުބާރާތުގެ ފައިނަލް މެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:15ގައި އެފް.އީ އޮޑިޓޯރިއަމްގައެވެ. ފައިނަލް މެޗުގައި އެފް.އެޗް.ޓީ.އެސްގެ ޓީމާ ވާދަކުރާނީ ސްކޫލް އޮފް މެޑިސިންގެ ޓީމެވެ.





