ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން ރޯދަ މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ”ފެސާ މީ ކާކު“ މުބާރާތުގެ އެއްވަނަ ޔޫސުފް ޝައިހާން އިސްމާއީލް ހޯދައިފިއެވެ.
ފެސާގެ ލީޑަރުންނަށް ހާއްސަ ކޮއްގެން ބޭއްވި މި މުބާރާތަކީ ރޯދަ މަހާ ގުޅުވައިގެން މުޅިން އަލަށް ހިންގައިފައިވާ މުބާރާތެކެވެ. މި މުބާރާތް ހިންގައިފައިވަނީ ”ފެސާ އެންޓަޓެއިންމަންޓް“ ވައިބާރ ގުރޫޕުގައި، ރޯދަމަހުގެ ކޮންމެ ދުވަހަކު ކާކުކަން ނޭނގޭ ގޮތަށް އެޑިޓު ކުރެވިފައިވާ ފޮޓޯ ޕޯސްޓު ކުރެވިގެންނެވެ. އަދި ޖަވާބު ފޮނުވުމުގެ ސުންގަނޑި އަކީ ސުވާލު ޕޯސްޓުކުރާ ދުވަހުގެ ރޭ 00:00 އެވެ. އެންމެ ގިނަ ޖަވާބު ރަނގަޅު ކުރާ ފަރާތަކަށް އެއްވަނަ ލިބޭ އުސޫލުން ކުރިއަށް ގެންދެވުނު މި މުބާރާތުގެ އެއްވަނަ އަށް ދިޔަ ބައިވެރިޔާއަށް ފެސާއިން ވަނީ 200ރ ގެ ގިފްޓް ވައުޗަރެއް ހަދިޔާ ކޮށްފައެވެ.
ފެސާގެ އިސްވާރުންގެ މެދުގައި ގުޅުން ބަދަހި ކޮށް، މުނިފޫހި ފިލުވައި ރޯދަ ކުރުކުރުމުގެ މަގުސަދުގައި ހިންގި، މި މުބާރާތުގައި މުޅި ޖުމުލަ 37 އިސްވާރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލެވުނީ ބައިވެރިންގެ އެއްބާރުލުމާއެކުގައެވެ.
ފެސާގެ އުންމީދަކީ ކުރިޔަށް އޮތް ހަރަކާތްތަކުގައި ވެސް އިސްވާރުންގެ އެބާރުލުން ލިބިގެންދިއުމެވެ.






