އެމް.އެން.ޔޫ.އެސް.ޔޫ އަދި މެޑިކޯސް ގުޅިގެން 1445 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުރިޔަށް ގެންދެވުނު ހަރަކާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެޕްރީލް 19 ވީ ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވުނު މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދާއީ، އައްޝައިޚް އާޒިމް ޚާލިދެވެ. މިރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި، ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ މެމްބަރުންގެ އިތުރުން އެކިއެކި ފެކަލްޓީތަކުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފާވެއެވެ.
މިރަސްމިއްޔާތުގައި ރަމަޟާން މަހު މެޑިކޯސްއިން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ ހަތަރު ހަރަކާތެއްގެ ނިމުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން މިހަރަކާތްތަކުގެ ތެރޭގައި އެމް.އެން.ޔޫ.އެސް.ޔޫ-މެޑިކޯސް ހިދާޔަތު ދަރުސް ޕްރޮގްރާމް، އެމް.އެން.ޔޫ.އެސް.ޔޫ-މެޑިކޯސް ހިދާޔަތު ސުވާލު މުބާރާތް، މެޑިކޯސް ނޫރުލް ޤުރުއާން ކިލާސް އަދި މެޑިކޯސް ރަމަޟާން ސުވާލު މުބާރާތް ހިމެނެއެވެ. މިއީ ރަމަޟާން މަހާ ދިމާކޮށް ދަރިވަރުންގެ މެދުގައި ދީނީ ރޫހް އާލާކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ކުރިޔަށް ގެންދެވުނު ހަރަކާތްތަކެކެވެ.
މިރަސްމިއްޔާތުގައި މިހަރަކާތްތަކަށް އެކިއެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ އެރުވިފައިވެއެވެ. އަދި ހަމައެހެންމެ އެމް.އެން.ޔޫ.އެސް.ޔޫ-މެޑިކޯސް ހިދާޔަތު ސުވާލު މުބާރާތާއި، މެޑިކޯސް ރަމަޟާން ސުވާލު މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކާއި ފެކަލްޓީތަކަށް އިނާމާއި ޓްރޮފީ އަދި ހަނދާނީ ފިލާ ދެވިފައިވެއެވެ. ހަމައެހެންމެ މިހަރަކާތްތަކުގައި ބައިވެރިވި ދަރިވަރުންނާއި، ފެކަލްޓީތަކަށް ހަނދާނީ ލިޔުން ދެވިފައި ވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހެމާން ޝައިޚް އާޒިމް ޚާލިދުވަނީ، އެމް.އެން.ޔޫ.އެސް.ޔޫއަކީ ވަރަށް ހަރަކާތްތެރި ޖަމިއްޔާއެއް ކަމަށާއި، އެމް.އެން.ޔޫ.އެސް.ޔޫއިން ހަރުދަނާ ލީޑަރުންތަކެއް ފެންނަމުން ދާކަން ފާހަގަކުރައްވާފައެވެ. އަދި މިދަރިވަރުންގެ މަސައްކަތް އެގޮތުގައި ކުރިޔަށް ގެންދިޔުމަށް ޝައިޚްވަނީ ހިތްވަރު ދެއްވާފައެވެ.
މެޑިކޯސްއިން އިސްނަގައިގެން 1445ވަނަ އަހަރުގެ ރަމަޟާންމަހު ކުރިޔަށް ގެންދެވުނު ގިނަ ހަރަކާތްތަކަކީ މުޅިން އަލަށް ކުރިޔަށް ގެންދެވުނު ހަރަކާތްތަކެކެވެ. އަދި މިހަރަކާތްތަކަށް، އެކިއެކި ފެކަލްޓީތަކުން ގިނަ އަދަދެއްގެ ދަރިވަރުންގެ ތަރުހީބު ލިބިގެން ގޮސްފައިވެއެވެ.





