ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ދަރިވަރުންގެ ޔޫނިއަންގެ ދެ ގޮފި ކަމުގައިވާ ފެކަލްޓީ އޮފް އެޑިއުކޭޝަން (ފެސާ) އާއި ގުރުޒު ގުޅިގެން ނިމިދިޔަ ފިތުރު އީދުގެ މުނާސަބަތުގައި ކުރިއަށް ގެންދެވުނު ޢީދު ހަދިޔާ ބަދަލު ކުރުމުގެ ހަރަކާތް ވަރަށް ކާމިޔާބުއެކު ނިންމާލައިފިއެވެ.
މި ހަރަކާތް ހިންގާފައިވަނީ ފިތުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފެސާ އަދި ގުރުޒުގެ އިސްވާރުން ދިރި އުޅޭ ރާއްޖޭގެ އެކި ރަށްރަށުގައެވެ.
އެގޮތުން މުޅިއެކު 11 ރަށެއްގައި މި ހަރަކާތް ވަނީ ކުރިއަށް ގެންދެވިފައެވެ. އޭގެ ތެރޭގައި ކ.މާލެ، ހދ.ފިނޭ، ޅ.ކުރެންދޫ، ބ.ގޮއިދޫ، އއ،ރަސްދޫ، ސ.މަރަދޫ، ފ.ނިލަންދޫ، ނ.ހެނބަދޫ، ހއ.ބާރަށް، ހދ ކުޅުދުއްފުށީ އަދި ފ.ފީއަލި ހިމެނެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގުސަދަކީ އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އީދުގެ އުފަލުގައި ބައިވެރިވެކޮށް އެފަރާތްތަކަށް އުފާވެރިކަން ގެނެސްދިނުމެވެ.
މި ހަރަކާތުގައި ބަދަލު ކުރެވިފައިވާ ހަދިޔާ ތައްޔާރުކުރުމާއި ބެހުމުގެ އަމަލީ މަސައްކަތްތައް ކޮށްފައިވަނީ ފެސާައާއި ގުރުޒުގެ ހީވާގި އިސްވާރުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާކޮށް ކުރިއަށް ގެންދެވުނު މި ހަރަކާތް މިހާ ކާމިޔާބުކޮށް ނިންމާލެވުނީ ހީވާގި އިސްވާރުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުންނެވެ.
ފެސާ އަދި ގުރުޒުގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ހަރަކާތުގައި ލިބުނު ފަދަ ބޮޑު ތަރުހީބެއް އެންމެހާ އިސްވާރުންގެ ފަރާތުން ލިބިގެންދިޔުމެވެ.






