ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ބާއްވާ 10 ވަނަ އިންޓަރ-ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ސްކޫލް އޮފް މެޑިސިންއިން ބައިވެރިވާ ޓީމުތަކަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގެ 14 ވަނަ ފަންގިފިލާގައި ބޭއްވި މިރަސްމިއްޔާތުގައި އެސް.އެމް ޓީމުތަކުގެ ހުރިހާ ކުޅުންތެރިންގެ އިތުރުން، ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނާއި، މެޑިކޯސްގެ ހިންގާ ކޮމިޓީގެ މިހާރުގެ މެމްބަރުންނާއި ކުރީގެ ބައެއް މެމްބަރުން ބައިވެރިވެފައިވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަމުން މެޑިކޯސްގެ ރައީސް މުޙައްމަދު ޢަޔާޝް ޢަލީ ވަނީ ޓީމުތަކުގެ ބައިވެރިންނަށް ހިތްވަރުދީ، މުބާރާތުގައި ރަނގަޅު އަޚުލާގެއް ދެއްކުމަށް ނަސޭހަތްތެރިވެފައެވެ. އަދި ހަމައެހެންމެ މެޑިކޯސްގެ ކުރީގެ ރައީސާ މާހާ ޢާދިލް ވެސް ވަނީ ކުޅުންތެރިންނަށް ހިތްވަރުދީ، މެޗުތަކަށް ވީހާވެސް ގިނަ ސަޕޯޓަރުން ގެނައުމަށް ބާރު އަޅާފައެވެ.
މިރަސްމިއްޔާތުގައި ޓީމުތަކުގެ ބައިވެރިންނަށް ޖާޒީ ހަވާލުކޮށްދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތަށް) ސައިފުﷲ މުސްލިމް އާއި، މެޑިކޯސްގެ ކުރީގެ ނައިބު ރައީސާ (އިތުރު ހަރަކާތް) ޢާއިޝަތު ޒާރާ އަދި މެޑިކޯސް ކުރީގެ ރައީސާ ފާޠިމަތު މާހާ އާދިލެވެ.
މިފަހަރުގެ އިންޓަރފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ސްކޫލް އޮފް މެޑިސިންގެ އަންހެން އަދި ފިރިހެން ޓީމެއް ބައިވެރިވެފައިވެއެވެ. މިއީ މި މުބާރާތުގައި އެސް.އެމް އިން ބައިވެރިވާ ތިން ވަނަ އަހަރެވެ. މިމުބާރާތުގައި އެސް.އެމް އިން ދެ ދިވިޜަނުގައި އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ 2023 ވަނަ އަހަރެވެ.





