އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މެޑިކޯސްގެ ފަރާތުން ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިޔަށް ގެންދެވިފައިވަނީ އެވުޒާރާގެ ރިކްރިއޭޝަން ކްލަބާއި ގުޅިގެންނެވެ. އިސްލާމީ މަރުކަޒުގެ ހޯލް އަދި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމުގައި ސްކޫލް އޮފް މެޑިސިންގެ 12 ދަރުމަވެރިން ހަރަކާތްތެރިވެފައިވެއެވެ. މިޕްރޮގްރާމް ކުރިޔަށް ގެންދެވިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށެވެ.
މި ހަރަކާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންފާވެއެވެ. އަދި ވަޒީރުގެ އިތުރުރުން އެ އިދާރާގެ އިސް އެކިއެކި ބޭފުޅުންވެސް މި ސްކްރީނިންގްގައި ބައިވވަޑައިގެންފާވެއެވެ. މި ޕްރޮގްރާމްގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 85 މުވައްޒަފުން ވަނީ ސްކްރީން ކުރެވިފައެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ދެ ސެޝަންއަކަށް ބަހައިލެވިގެންނެވެ. ހެލްތް ސްކްރީނިންގެ ފުރަތަމަ ބައި ކުރިޔަށްގެންގޮސްފައި ވަނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މި ސެޝަންގައި އެވުޒާރާގެ 70 މުވައްޒަފުން ބައިވެރިވެ ސްކްރީން ކުރެވިފައިވެއެވެ. ދެވަނަ ސެޝަން ކުރިއަށްގެންގޮސްފައިވަނީ ސަލްމާން މިސްކިތުގައި ހުންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައެވެ. މި ސެޝަންގައި ވަނީ 15 މީހުން ބައިވެރިފައެވެ.
ހެލްތް ސްކްރީނިންގެ ތެރެއިން ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ވަނީ ބައިވެރިންގެ ބޮޑީ މާސް އިންޑެކްސް އާއި ބްލަޑްޕެރެޝަރު އަދި ލޭގައި ހަކުރުހުރި މިންވަރު ޓެސްޓުކޮށް ގައިންގަޔަށް ނާރާބަލިތަކާއި އެ ބަލިތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ސްކްރީންކޮށް އެކަމާބެހޭ މައުލޫމާތު ހެލްތް ސްކްރީނިންގް ސެޝަންގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކާ ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަންވީ ގޮތާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވިފައިވެއެވެ.
މެޑިކޯސްގެ ފަރާތުން މިފަދަ ގިން ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ. އެކިއެކި ޖަމިއްޔާތަކާ ގުޅިގެން އަދި މެޑިކޯސްގެ އަމިއްލަ އިސްނެގުމުގެ މަތިންވެސް މިފަދަ އެކިއެކި ހަރަކާތްތައް މީގެ ކުރިން ކުރިޔަށް ގެންދެވިފައިވެއެވެ.





