2024 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ ފަށައިގަތުމުގެ ގޮތުން ރޭވުނު ”މެޑިކޯސް ފަން ޓްރިޕް 2024“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހުކުރުދުވަހު ކުރިޔަށް ގެންދެވުނު މިދަތުރު ދެވިފައިވަނީ މާލެ އަތޮޅު ވިލިނގިއްޔަށެވެ. މިދަތުރަށް ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، 30ހަށް ވުރެން ގިނަ ދަރިވަރުންވަނީ ދަތުރުގައި ބައިވެރިވެފައެވެ. ދަތުރުގެ ބައިވެރިންވަނީ ދަތުރުގެ ތެރޭގައި ކުރިޔަށް ގެންދެވުނު އެކިއެކި ކުޅިވަރުތަކުގަޔާއި، ޓީމް ބިލްޑިންގ ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެފައެވެ. މީގެ އިތުރުން ދަތުރުގެ ތެރެއިން ހެނދުނުގެ ނާސްތާވެސް ވަނީ ހަމަޖެއްސިފައެވެ.
މިދަތުރުގެ މައިގަނޑު މަގުސަދަކީ ދެވަނަ ޓާމަކަށް ކިޔެވުމަށް ފަށާއިރު ދަރިވަރުންގެ މެދުގައި ދަރުމަޔަށް މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް، ދަރިވަރުން އިތުރަށް މޯޓިވޭޓް ކޮށްދިނުމެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ މެދުގައި މިހާރަށްވުރެން ގުޅުންތައް ބަދަހިކޮށް، އެކުވެރިކަމާއެކު ކުރިޔަށްދާނޭ ދަރިވަރުންތަކެއް އުފެެއްދުމެވެ. ހަމައެއާއެކު ކިޔެވުމުގެ ބުރަ މާހައުލުގެ ތެރެއިން ދަރިވަރުން ހިތްހަމަޖައްސާލާނޭ ފުރުސަތެއް ހޯދައިދިނުމަކީވެސް މިދަތުރުގެ އެއް މަގުސަދެވެ.
މިއަހަރުގެ ދެވަނަ ޓާމުގެ ތެރޭގައި ހިންގުމަށް މެޑިކޯސްއިން ވަނީ ބޮޑެތި ހަރަކާތްތަކެއް ރާވައިފައެވެ. އަދި އޭގެ ތެރެއިން ބައެއް ހަރަކާތްތަކަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސް އެބަ ކުރިޔަށްދެއެވެ. މެޑިކޯސްގެ އުންމީދަކީ ކުރިއަށް ރޭވިފައިހުރި ހަރަކާތް ތަކަަަށްވެސް ދަރިވަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔުމެވެ.





