ސްކޫލް އޮފް މެޑިސިންގެ ގޮފި ކޮންސޯޓިއަމް އޮފް މެޑިކަލް ސްޓޫޑަންޓްސް (މެޑިކޯސް) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގުޅިގެން ކުރިޔަށް ގެންދެވުނު އެމް.އެން.ޔޫ.އެސް.ޔޫ-މެޑިކޯސް ޗެސް ފެސްޓިވަލް 2024 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 13 އިން 14 އަށް ކުރިޔަށް ގެންދެވުނު މިމުބާރާތަކީ ގައުމީ ޔުނިވާސިޓިގެ ހުރިހާ ފެކަލްޓީތަކަށާއި، ދަޢުވަތު ދެވުނު އެހެން ކޮލެޖް ޔުނިވާސިޓީތަކަށް ހުޅުވާލެވިގެން ބޭއްވުނު މުބާރާތެކެވެ. މިމުބާރާތުގައި ޓީމު އިވެންޓް އަދި އިންޑިވިޖުއަލް އިވެންޓް ހުޅުވާލެވުނުއިރު، މުބާރާތުގައި 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފެކަލްޓި އޮފް އެޑިއުކޭޝަން، ފެކަލްޓީ އޮފް އާރޓްސް، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް، ސްކޫލް އޮފް މެޑިސިން އަދި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޓީމުތަކެވެ.
މިމުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީގައި އެކިއެކި ފެކަލްޓީތަކުން ޖުމްލަ 28 ދަރިވަރަކު ވާދަކޮށްފައިވެއެވެ. މިއާއެކު މުބާރާތުގެ އިވެންޓްތަކުގެ ބައިވެރިންގެ އަދަދު 50ށް ވުރެން ގިނައެވެ. އިންޑިވިޖުއަލް ކެޓަގަރީގައިވެސް ގިނަ ދަރިވަރުންތަކެއްގެ މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ.
މިމުބާރާތުގެ އާބިޓަރުންގެ ގޮތުގައި ޗެސް އެސޯސިއޭޝަނުގެ ދެބޭފުޅަކު ވަނީ ހަރަކާތްތެރިވެފައެވެ. އެއީ މުޙައްމަދު ޝަމްރޫހް އަދި އާދަމް ނާސިހެވެ. މީގެ އިތުރުން އެސޯސިއޭޝަނުން ވަނީ މުބާރާތް ކުރިޔަށް ގެންދިޔުމަށްޓަކާ ބޭނުންވާ ތަކެތިވެސް ފޯރުކޮށްދެއްވާފައެވެ.
މެޑިކޯސްއިން އިސްނަގައިގެން އެމް.އެން.ޔޫ.އެސް.ޔޫ އާއި ގުޅިގެންވަނީ މީގެ ކުރިން 2022 ވަނަ އަހަރުވެސް ޗެސް މުބާރާތެއް ބާއްވައިފައެވެ. އެއަހަރުގެ މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ. މެޑިކޯސްގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ގިނަ މުބާރާތްތަކެއް ބާއްވާ ގައުމީ ޔުނިވާސިޓީގެ ތެރެއިން ޗެސް ކުޅުމަށް މޮޅު ދަރިވަރުންތަކެއް އުފެއްދުމެވެ.





