2024 ވަނަ އަހަރުގެ ދެވަނަ ޓަރމަށް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް)ގެ ގޮފި ސޮސައިޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (ޝެޓްސް) އަށް އަލަށް ގުޅުނު އިސްވާރުންނަށް ހާއްސަކޮށް، މިޓަރމުގެ ފުރަތަމަ ލީޑަރސް މީޓިން ކުރިޔަށް ގެންގޮސްފިއެވެ
11 ސެޕްޓެމްބަރ 2024 ވީ ބުދަ ދުވަހު، އެފް. އެޗް.ޓީ.އެސްގައި، ބޭއްވި މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ދެ ދަންފަޅި އަކަށް ބަހާލައިގެންނެވެ. 12:15 ގައި ފެށިގެން ކުރިޔަށް ގެންދެވުނު ފުރތަމަ ދަންފަޅީގައި ޝެޓްސްއާ އަލަށް ގުޅުނު 25 ށް ވުރެ ގިނަ އިސްވާރުން ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރަށް ޝެޓްސްގެ އިސްވާރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ އިސްވާރުން، އަދި ޝެޓްސްގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއިއެކު ޖުމުލަ 35 ށް ވުރެ ގިނަ މެމްބަރުން ވަނީ ބައިވެރި ވެފައެވެ. ކުލާސް ތަކުގެ ވަގުތާ ދިމާވުމުގެ ސަބަބުން މި ބައްދަލުވުމުގައި ބައިވެރި ނުވެވުނު އިސްވާރުންނަށް ހާއްސަ ކޮށް އެ ދުވަހުގެ މެންދުރުފަހު 14:30 ގައި ވަނީ ލީޑާސް މީޓިންގެ ދެވަނަ ދަންފަޅި ކުރިޔައް ގެންގޮސްފައެވެ. މި ދަންފަޅީގައިވެސް ޝެޓްސް އަށް އަލަށް ގުޅުނު 6 އިސްވާރުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމަކީ ޝެޓްސްއަށް އަލަށް ގުޅުނު އިސްވާރުންނަށް ޝެޓްސްއާ ގުޅޭ މުހިންމު މައުލޫމާތުތައް ފޯރު ކޮށްދިނުމުގެ އިތުރަށް، ޝެޓްސް އިން މި ޓާރމުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރުމަށްޓަކައި، ޝެޓްސްގެ ހިންގާ ކޮމެޓީން ރާވާ އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދެވުނު ބައްދަލުވުމެކެވެ. އަދި މީގެއިތުރުން ފާއިތުވެ ދިޔަ އަހަރުތަކުގައި ޝެޓްސް އިން ކުރިޔަށް ގެންދިޔަ ތަފާތު އެކި ހަރަކާތްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހާއްސަ ވީޑިއޯއެއް ވަނީ އިސްވާރުންނަށް ހިއްސާކުރެވިފައެވެ.
މި ބައްދަލުވުމުގައި އެމް.އެން.ޔޫ.އެސް.ޔޫ ގެ 6 ވަނަ ދައުރުގެ ރައީސް އަރުޝަދުއަޝްރަފް (އަރޫ) ވަނީ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކަވާފައެވެ. އަރޫ ވަނީ އެމް.އެން.ޔޫ.އެސް.ޔޫ އާއި ގުޅޭ މުހިއްމު ގިނަ މައުލޫމާތު ތަކެއް ބައިވެރިންނާއި ހިއްސާ ކޮށްފައެވެ. އަދި ޔޫނިއަންގައި އުޅެގެން ލިބޭނެ ފުރުސަތު ތަކާއި އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމުގެ މުހިންމު ކަމުގެ މައްޗައް އަރޫ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި މީގެ އިތުރަށް ވެސް ޝެޓްސަގެ ހިންގާ ކޮމެޓީގެ ފަރާތުން ވަނީ އެމް.އެން.ޔޫ.އެސް.ޔޫ އަދި ޝެޓްސް އިން ހިންގާ ހަރަކާތްކުގައި ބައިވެރިންނަށް ހުރި ފުރުސަތުތަށް ހިއްސާ ކޮށްފައެވެ.
މި ޓަރމުގައި ޝެޓްސް އަށް އަލަށް ގުޅުނު އިސްވާރުންނާއި އެކު ޝެޓްސްގެ އިސްވާރުންގެ ޓީމް އިތުރައް ވަރުގަދަވެފައި ވާއިރު ޝެޓްސް އިން އަންނަނީ އަލަށް ގުޅުނު އިސްވާރުންންނާއި އެކު މި ޓަރމުގައި ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމަށް މަސައްކަތް ކުރަމުންނެވެ.





