”އެމް.އެން.ޔޫ.އެސް.ޔޫ 10ކޭ ސްޓޭޕްސް“ގެ ނަމުގައި މެޑިކޯސް އަދި ގުރުޒު ގުޅިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ދުވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްޓަކާ އެ ދެގޮފިން ކުޅުދުއްފުށި ސިޓީގެ ގިނަ މުއައްސަސާތަކަކާއި ބައްދަލުކޮށްފިއެވެ.
އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދިޔަ މިބައްދަލުވުންތަކުގައި، ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ހދ.އަތޮޅު ކައުންސިލާއި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ކުޅުދުއްފުށި ސިޓީ ޕޮލިހާއި އެކު ބައްދަލުވުންތައް ވަނީ ކުރިޔަށް ގެންދެވިފައެވެ.
މިބައްދަލުވުންތަކުގައި ”އެމް.އެން.ޔޫ.އެސް.ޔޫ 10ކޭ ސްޓޭޕްސް“ ހަރަކާތް ކުރިޔަށް ގެންދިޔުމުގައި އެފަރާތްތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މިހަރަކާތް ކުޅުދުއްފުށި ސިޓީ އަދި ހދ އަތޮޅުގައި އިތުރަށް ޕްރޮމޯޓްކޮށް ހަރަކާތަށް ބައިވެރިން އިތުރުކުރުމަށް ހުރިހާ މުއައްސަސާއަކުންވެސް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. މީގެ އިތުރުން ހަރަކާތް ކުރިޔަށް ގެންދިޔުމަށްޓަކާ ބޭނުންވާ ތަކެތީގެ އެހީތެރިކަމުގެ އިތުރުން، ހަރަކާތަށް ބޭނުންވާ ބައެއް ޓެކްނިކަލް އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި ހަރަކާތް ކުރިޔަށްދާ ވަގުތު އެމްބިއުލާންސް އަދި ފަސްޓް އެއިޑްގެ ޚިދުމަތް ފޯރުކޮށްދިނުމާއި، މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުގައި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން މިހަރަކާތުގެ ތެރެއިން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކާ ކަސްރަތުގެ މުހިންމުކަމާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކާ ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
”އެމް.އެން.ޔޫ.އެސް.ޔޫ 10ކޭ ސްޓޭޕްސް“ މިހަރަކާތަކީ މެޑިކޯސް އަދި ގުރުޒު ގުޅިގެން މުޅިން އަލަށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިހަރަކާތުގައި 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ދުވުމެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު، ދުވުން ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށް މެޑަލް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިހަރަކާތުގެ މައިގަނޑު މަޤްސަދަކީ ދުވުމާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމެވެ. މެޑިކޯސް އަދި ގުރުޒުގެ އަމާޒަކީ މިހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭ ހަރަކާތަކަށް ހެދުމެވެ.





