ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންއާއި، މެޑިކޯސް އަދި ގުރުޒު ގުޅިގެން ކުޅުދުއްފުށި ސިޓީގައި ކުރިޔަށް ގެންދެވުނު ހަރަކާތް، ”އެމް.އެން.ޔޫ.އެސް.ޔޫ 10 ކޭ ސްޓެޕްސް“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އޮކްޓޯބަރ 22 ވަނަ ދުވަހު ކުރިއަށް ގެންދެވުނު މިހަރަކާތަށް ކުޅުދުއްފުށި ސިޓީއާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 150އެއްހާ ދުވުންތެރިން ރަޖިސްޓަރވެފައިވާއިރު، 100އަށް ވުރެން ދުވުންތެރިން މިދުވުމުގައި ދުވެފައިވެއެވެ. އަދި ދުވުން ފުރިހަމަކުރި ހުރިހާ ދުވުންތެރިންނަށް ފިނިޝަރސް މެޑަލްވަނީ ދެވިފައެވެ.
މި ހަރަކާތުގައި މައިގަނޑުގޮތެއްގައި ދެ އިވެންޓެއް ކުރިޔަށް ގެންދެވިފައިވެއެވެ. އެއީ 5 ކިލޯމީޓަރ އަދި 10 ކިލޯމީޓަރުގެ އިވެންޓެވެ. މި ދެއިވެންޓުގައިވެސް ދެޖިންސުގެ އެކި އުމުރުފުރާގެ ދުވުންތެރިން ބައިވެރިވެފައިވެއެވެ. މިހަރަކާތް ނިންމާލުމަށްފަހު ކޮންމެ އިވެންޓެއްގެވެސް އަންހެން އަދި ފިރިހެން ދުވުންތެރިންގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާ އިނާމު ދެވިފައިވެއެވެ.
މިހަރަކާތުގެ ޝަރަފުވެރިންގެ ގޮތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރ ޚަދީޖާ ހަސަން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީ.އީ.އޯ ޏާޒިމާ އަލީގެ އިތުރުން ހޮސްޕިޓަލުގެ ބައެއް އިސް މުއައްޒަފުންނާއި، ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށި ކެމްޕަހުގެ މުވައްޒަފުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މިހަރަކާތްވެގެން ދިޔައީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ މެދުގައި އިޖުތިމާޢީ ރޫހު އާލާވެގެން ދިޔަ، ބޮޑު ތަރުހީބެއް ލިބުނު ހަރަކާތަކަށެވެ. މިހަރަކާތަކީ ކުޅުދުއްފުށި ސިޓީގެ ތާރީޚުގައި ބޭއްވުނު އެންމެ ފުރަތަމަ 10ކިލޯމީޓަރ ދުވުމަށް ވެގެންދިޔުމަކީ ހަރަކާތަށް ލިބުނު ތަރުހީބު އިތުރުވެގެން މައިގަނޑު ސަބަބެވެ. މެޑިކޯސް އަދި ގުރުޒުގެ އަމާޒަކީ މިހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭ ހަރަކާތަކަށް ހެދުމެވެ.





