ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ބޮޑުބެރު ގްރޫޕްގެ މެނޭޖަރަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ބިޒްނަސް ސްކޫލްގެ ދަރިވަރު މާހިލް އިބްރާހިމް އައްޔަންކޮށްފި އެވެ.
އޭނާ މި މަޤާމަށް އައްޔަންކޮށްފައިވަނީ ނިމިދިޔަ ފެބުރުވަރީމަހުގެ 23ވަނަ ދުވަހު ބޭއްވި އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތައް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މާހިލް މަޤާމާ ޙަވާލުކުރި ލިޔުން ޙަވާލުކޮށްފައިވަނީ ޔޫނިއަންގެ ރައީސް އިބްރާހިމް މިޝްޢަލް މޫސާ އެވެ.
މި މަޤާމަށް މާހިލް އައްޔަންކޮށްފައިވާއިރު، އައު ސިމެސްޓަރުގެ ކިޔެވުން ފެށި، ބޮޑުބެރު އަދި ޑާންސް ގްރޫޕާ ގިނަ ދަރިވަރުން އަންނަނީ ގުޅެމުންނެވެ.
ދަރިވަރުންގެ ޔޫނިއަންގެ 7ވަނަ ދައުރުގައި، 2019ވަނަ އަހަރު އުފެއްދި އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދޭ މުއައްސަސާއެއްގައި ޤާއިމުކޮށްފައިވާ ހަމައެކަނި ބޮޑުބެރު ގްރޫޕެވެ.
ދަރިވަރުންގެ ޔޫނިއަންގެ ބޮޑުބެރު ގްރޫޕުން އަންނަނީ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ހަރަކާތްތެރި ވަމުންނެވެ. އެގޮތުން، ނިމިދިޔަ 2024ވަނަ އަހަރު ޔޫނިއަންގެ ބޮޑުބެރު އަދި ޑާންސް ގްރޫޕުން ވަނީ އައިޓީބީ ބާރލިން ފެއަރގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައެވެ. އަދި ފާއިތުވެދިޔަ 4 އަހަރުވެސް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ އޯޕެނިންގ އަދި ކްލޯޒިންގެ ޕާފޯމަންސްތައްވެސް ހުށަހަޅަމުން އަންނަނީ ޔޫނިއަންގެ ބޮޑުބެރާއި ޑާންސް ގްރޫޕުންނެވެ.






