އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގުޅިގެން ހިންގާ ފަލަސްޠީނު ފޯރަމް މިފަހަރު އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
23 މާރިޗު 2025ވަނަ ދުވަހުގެ ރޭ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.
މި ފޯރަމްގައި ފަލަސްތީނުގެ މައްސަލައަށް ޢިލްމީ ނަޒަރިއްޔާތަކުން އަލިއަޅުވާލެވޭނެއެވެ. އެގޮތުން ފަލަސްޠީނުގެ މިހާރުގެ ޙާލަތާއި، މުދަލަށް ރައްކާތެރިވުމުގެ މުހިންމުކަމާއި، ފަލަސްޠީނުގެ އެކިއެކި ކަންތައްތަކާގުޅޭ ތަފާސްހިސާބުތައް ހުށަހެޅިގެންދާނެއެވެ. މީގެއިތުރުން، ކުރިއެކޭ އެއްފަދައިން ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ދާނެއެވެ.
ފަލަސްޠީނު ފޯރަމަކީ ޢިލްމީ ނަޒަރިއްޔާތަކުން ފަލަސްޠީނުގެ ވާހަކަ ގެނެސްދިނުމުގެ ބޭނުމުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ފަރާތުން ކުރިއަށް ގެންދެވޭ މިފަދަ ފުރަތަމަ ފޯރަމެވެ. މި ފޯރަމްގެ ދެވަނަ އެޑިޝަންގެ ގޮތުގައި މިފަހަރު އައްޑޫގައި ފޯރަމް ކުރިއަށް ގެންދެވޭއިރު، މުޅި އަހަރަށް ބަހާލައިގެން އެމް.އެން.ޔޫގެ އަތޮޅުތެރޭ ކެމްޕަސްތަކުގައިވެސް މި ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.






