ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2025ގެ ކޯ ސްޕޮންސަރަކަށް ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރަންޓް ހަމަޖައްސައިފިއެވެ.
މި ފަހަރުގެ މުބާރާތުގެ ކޯ-ސްޕޮންސަރުގެ ގޮތުގައި ލިއެން ޝުއޭ ޝިން ހަމަޖައްސާފައިވަނީ ބުދަ ދުވަހުގެ ރޭ އެ ރެސްޓޯރަންޓުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. މި އެއްބަސްވުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ސޮއިކުރީ ތަރަހައިގެ ކުރީގެ ރައީސް އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެންބަރު އަޙްމަދު ޝާނެވެ. އަދި ރެސްޓޯރަންޓުގެ ފަރާތުން ސޮއިކުރީ ރެސްޓޯރަންޓުގެ މެނޭޖަރު ޑޭވިޑެވެ.
ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރަންޓުން ޔޫނިއަންއާ އަބަދުވެސް އަންނަނީ ގާތްގުޅުމެއް ބާއްވަމުންނެވެ. އެގޮތުން، މިދިޔަ އަހަރު ޔޫނިއަނުން ހިންގި ނޫޑްލް ރަންއަކީވެސް އެ ރެސްޓޯރަންޓު ހުޅުވުމުގެ ގޮތުން ޔޫނިއަނުން ހިންގި ޙަރަކާތެކެވެ.
މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 11 ވަނަ މުބާރާތެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.






