ބީއެސްއެސްއޭ އިން ”އެންޓްރެޕްރެނާސް ކޮންފްލުއެންސް“ގެ ނަމުގައި ކުރިއަށްގެންދިއަ ބޮޑު އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އިވެންޓަކީ ބީއެސްއެސްއޭ އިން ކުދިނަށް ‘ކްރިއޭޓިވިޓީ‘ އާއި ’ޑިޖިޓަލް އެންޓްރެޕްރެނާޝިޕް‘ ކިޔާ ދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިއަ އިވެންޓެކެވެ.
އިއްޔެ ހެނދުނު 9 ޖަހާއިރު ފެށި އިވެންޓް ނިންމާލާފައި ވަނީ އިރުއޮއްސި 6 ޖަހާއިރުއެވެ. މި އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ ދެ ދަންފަޅިއަކަށް ބަލާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅި ފަށައިފައި ވަނީ އެންމެންޔޫ ބިޒްނަސް ސްކޫލުގެ ޑީން ، އައިޝަތް ޝަހީންގެ ވާހަކަފުޅުންނެވެ. ޑީންގެ ވާހަކަފުޅުގައި ފާހަގަކޮށްލެއްވީ މިފަދަ ބޮޑު އިވެންޓެއް ކުދިން އިސްނަގައިގެން ކުރިއަށް ގެންދިއުމަކީ ވަރަށް އުފާވާ ކަމެއްކަމާށާއި، ވިޔަފާރިވެރިންނާއި އަދި އެނޫންވެސް ބޭފުޅުންނާއި ގުޅުވައިދީ ކުރިއަށްދާނެ މަގު ތަނަވަސްކޮށްދީ ކުރިއަށް ގެންދެވޭ އެންމެ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އެފަދަ ކަންކަމުގެ ފެށުން ކަމަށެވެ. މީގެ އިތުރުން ޑީންގެ ވާހަކަފުޅުގައި ފާހަގަކޮށްލެއްވީ ކުދި ވިޔަފާރިވެރިންގެ ތެރެއިން އުފެއްދުންތެރީން ބައިވެރިވި ކަމަކީ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.
ޑީންގެ ވާހަކަފުޅަށްފަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑްގެ ޑެޕިއުޓީ މިނިސްޓަރ ޑރ. އައިޝަތު ޝަހުދާ އަބްދުﷲ ވާހަކަފުޅު ދައްކަވާފައެވެ.
އެއަށްފަހު، ދިވެހިރާއްޖޭގެ ކްރިއޭޓިވް އެކޮނޮމީއާއި ގުޅޭ ގޮތުން ޕެނެލް ޑިސްކަޝަނެއް ކުރިއަށް ގެންދެވިފައިވެއެވެ. އެގޮތުން މި ޕެނެލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަތީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑްގެ ޑެޕިއުޓީ މިނިސްޓަރ ޑރ. އައިޝަތު ޝަހުދާ އަބްދުﷲ އާއި، ލިންކޯގެ ކޯފައުންޑާރ އިބްރާހިމް އަބްދުލް ސައްތާރާއި، ސްޕާރކްހަބްގެ ކޮމިއުނިޓީ ލީޑާރ ހަސަން ޖުނައިދް އަދި މީގެ އިތުރުން ބިޒްނަސް ސުކޫލުގެ ޑީން އާއިޝަތު ޝާހީންއެވެ.
ދެވަނަ ދަންފަޅީގައި މޯލްޑިވިއަން އެއާލައިންގެ ސީނިއަރ މެނޭޖަރ އޮފް މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސްގެ ހަސަން ޝާރިހް އާދަމް ވަނީ މުހިންމު މައުލޫމާތުތަކެއް ދަރިވަރުންނަށް ހިއްސާކުރައްވާފައެވެ. އަދި މާސްޓާކްލާސް، ޖަވާބް އެކަޑަމީ އަދި ދިވެހިޖީޕީޓީގެ ފައުންޑާ މުހަންމަދު ޖައިލަމް ނަންގަވާދެއްވާފައިވެއެވެ. ހަމަމިއާއެކު ކަޅުދެލި އަދި ސައިލް ފޫޑްގެ ފައުންޑާ ފާތުމަތު ހިމްނާ އަހީދް އެކަމަނާގެ މަސައްކަތްތަކާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ދެއްވާފައިވެއެވެ.
އަދި ބީއެމްއެލް އިން ވަނީ އެބޭފުޅުންގެ ގިނަ ހިދުމަތްތަކެއްގެ މައުލޫމާތު ދަރިވަރުންނަށް ކިޔާދެއްވާފައެވެ.
މި އިވެންޓް ނިންމާލާފައި ވަނީ މެއިން ސްޕޮންސަރ ދަ ހޯކްސްއިން ދެއްވި ގިނަ ހަދިޔާތަކެއް ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތްތަކަށް ދިނުމަށް ފަހުގައެވެ.





