ބީ.އެސް’އެސް.އޭ އިން ”ދަ ޕަވާރ އޮފް އަސް“ގެ ނަމުގައި ކުރިއަށް ގެންދިޔަ ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނަކީ ދަރިވަރުންގެ މެދުގައި މުއާމަލާތްކުރުމާއި އަމަލީ ހުނަރުތައް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި ކުރިއަށް ގެންދެވުނު ތަމްރީނެކެވެ.
ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1 ޖެހިއިރު ފެށިގެންދިޔަ މި ޓްރެއިނިންގ ސެޝަން ނިމުމަކަށް އައީ އިރުއޮއްސި 6 ޖެހިއިރުއެވެ. ޖުމްލަ 40 ބައިވެރިންނާއި އެކު މި ތަމްރީނު ކުރިއަށް ދިޔައީ އެފް.އީ ޕީއީ ހޯލްގައެވެ.
5 ގަޑިއިރަށް ދެމިގެންދިޔަ މި ތަމްރީނުގައި، ޓްރައިނިންގް މޯލްޑިވްސްގެ ފަރާތުން، އަބްދުﷲ ނިހާދް ޓްރެއިނާރ އަކަށް ހުރެވަޑައިގެން، މައްސަލަތައް ހައްލުކުރުމާއި، ޓީމް ބިލްޑިންގް،ކިޔެވުމުގެ މާހައުލުގައި ކުދިން އިސްކަންދޭންވީ ކަންކަމުގެ އިތުރުން މުއާމަލާތްކުރުން ފަދަ ވަރަށް ބޭނުންތެރި ހުނަރުތައް ދަސްކޮށް ދިނުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.
މި އަހަރުގެ ފުރުތަމަ ޓާރމުގައި ބީ.އެސް.އެސްއޭ އިން ވަނީ މިކަހަލަ ޓްރެއިނިންގް ސެޝަންއެއް، އެމް.އެން.ޔޫ.އެސް.ޔޫގެ ހުރިހާ ގޮފިތަކެއްގެ ހިންގާ ކޮމެޓީ މެމްބަރުންނަށް ކުރިއަށް ގެންގޮސްފައެވެ. މި ޓްރެއިނިންގް ސެޝަންއަށް ތަރުހީބު ލިބުނު ފަދައިން، ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ”ދަ ޕަވާރ އޮފް އަސް“ގެ ނަމުގައި ކުރިއަށް ގެންދެވުނު ތަމްރީނަށްވެސް ހުރިހާ ހިންގާކޮމެޓީތަކުން ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.





