ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 14ވަނަ ދައުރުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މާލޭ ކެމްޕަހުގެ ގޮފިތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮތީ 19 ފެބުރުވަރީ 2026 ވީ ބުރާސްފަތި ދުވަހުގެރޭ އެމް.އެން.ޔޫ ސީ.އޭ އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތުގައި މާލޭ ކެމްޕަހުގެ 11 ގޮފީގެ ހިންގާ ކޮމިޓީތަކަށް އަލަށް އިންތިޚާބުވި މެންބަރުންނަށް މަޤާމު ހަވާލުކޮށްފައިވާއިރު، ފާއިތުވެދިޔަ ދައުރުގައި ގޮފިތަކުގައި މަސައްކަތްކުރި މެންބަރުންނަށް ރެފަރެންސް ލެޓަރ ހަވާލުކުރުންވެސް އޮތެވެ.
ގޮފިތަކުގެ ރައީސުންނަށް މަޤާމު ހަވާލުކޮށްދެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. އަދި، ނައިބު ރައީސް (ޢިލްމީ)ގެ މަޤާމަށް އިންތިޚާބުވި މެންބަރުންނަށް މަޤާމު ހަވާލުކޮށްދެއްވީ އެމް.އެން.ޔޫ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރު އިސްމާޢިލް ރަޒީން އިމްރާނެވެ. މީގެއިތުރުން، ނައިބު ރައީސް (އިތުރު ހަރަކާތް)ގެ މަޤާމަށް އިންތިޚާބުވީ މެންބަރުންނަށް މަޤާމު ހަވާލުކޮށްދެއްވީ ޑީން އޮފް ސްޓޫޑަންޓްސް އާސިޔާ ލީލާ އަޙްމަދެވެ. އަދި، ޚަޒާންދާރުންނަށް މަޤާމު ހަވާލުކޮށްދެއްވީ ދަރިވަރުންގެ ޔޫނިއަންގެ ކުރީގެ ރައީސް އައްޝައިޚް ޚާތިމް ޔޫޞުފެވެ. މީގެ އިތުރުން، މީޑިއާ ކޯޑިނޭޓަރުންނަށް މަޤާމު ހަވާލުކޮށްދެއްވީ ފެކަލްޓީ އޮފް އާރޓްސްގެ ޕޮލިޓިކަލް ސައިންސް ކޯޑިނޭޓަރ އަދި ލެކްޗަރަރ، އަދި ދަ މޯލްޑިވްސް ސެންޓަރ ފޯރ ޕޮލިސީ ރިސާރޗްގެ ޗެއަރޕަރސަން، މުޙައްމަދު ހޫދު އިބްރާހިމެވެ. ސެކްރެޓަރީންނަށް މަޤާމު ހަވާލުކޮށްދެއްވީ ދަރިވަރުންގެ ޔޫނިއަންގެ ކުރީގެ ރައީސް އަދި އެޑްވައިޒަރީ ބޯޑުގެ މެންބަރު ޢަބްދުﷲ ޝަހުނީޒެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ނައިބު ރައީސް (ގޮފިތައް) މުޙައްމަދު ހިޒްޔަމް ޙާމިދު، ބީ.އެސް.އެސް.އޭގެ ނިމިދިޔަ ދައުރުގެ ރައީސް އާދަމް ރާއިފް އަދި ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ ހާޒިރުވެ ތިއްބެވި ޖަލީސުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރަފުވެރި މެހުމާން، ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ މަޤާމުތަކަށް އިންތިޚާބުވި އެންމެހައި ދަރިވަރުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދަރިވަރުންގެ ތަޢުލީމީ ޙަޔާތް ފުރިހަމަވެގެން އަންނައިރު، މިފަދަ ޙަރަކާތްތަކުގެ ތެރެއިން ލީޑަރޝިޕްގެ ސިފަތައް ބިނާވެގެން އައުމަކީ ދަސްވެނިވާ ދަރިވަރެއްގެ ހުންނާންޖެހޭ ސިފަތައް ފުރިހަމައަށް އަށަގެނުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން، މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް (ގޮފިތައް) މުޙައްމަދު ހިޒްޔަމް ވާހަކަދައްމުން ވަނީ ގޮފިތަކުގެ އުސޫލަށް ގެނެވުނު ބަދަލުތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން ގޮފިތަކުގެ ސެކްރެޓަރީންގެ ނަން ޖެނެރަލް ސެކްރެޓަރީއަށް ބަދަލުކޮށް، 50 ދަރިވަރުންނަށްވުރެ އާބާދީ މަދު ފެކަލްޓީ/ސެންޓަރ/ކެމްޕަސް/އައުޓްރީޗް ސެންޓަރުތަކުގައިވެސް ދަރިވަރުންގެ ޔޫނިއަންގެ ގޮތްޕެއް އުފައްދާކަމަށްވާނަމަ، އެތަނެއްގެ ހިންގާ ކޮމިޓީ އޮންނާނެ ގޮތުގެ މިންގަނޑެއްވެސް ވަނީ ކަނޑައަޅާފައެވެ.
މި ރަސްމިއްޔާތުގައި ބީ.އެސް.އެސް.އޭގެ ކުރީގެ ދައުރުގެ ރައީސް އާދަމް ރާއިފް ވަނީ އެންމެ ހަރަކާތްތެރި ގޮފީގެ މަގާމަށް ބީ.އެސް.އެސް.އޭ މަސައްކަތްކުރިއިރު، ކިޔެވުމާއެކީ މަސައްކަތްކުރި ގޮތުގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އަދި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުން މީހާއަށް ލިބުނު ކުރިއެރުންތައްވެސް ރާއިފްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.
ދަރިވަރުންގެ ޔޫނިއަންގައި ޖުމްލަ 15 ގޮތްޕެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 11 ގޮފި ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. އަދި ބާކީ 4 ގޮފި ހަރަކާތްތެރިވަނީ އަތޮޅުތެރޭ ކެމްޕަސްތަކުގައެވެ.





