1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގެ ގޮފި ނޭކަ އިން ކުރިއަށް ގެންދިޔަ ފުރަތަމަ ‘ހެޔޮހިތުން – ތަށިބަރި ހަރަކާތް’ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ތިނަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުން އަދި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ނޭކަ އިން ކުރިއަށް ގެންދިޔަ މިހަރަކާތް ފަށައިދިނީ ނޭކައިގެ ރައީސާ ފާޠިމަތު މީސަމް މުޙައްމަދެވެ. މި ހަރަކާތުގެ ތެރެއިން ފުރަތަމަ ތަށިބަރި ހަވާލުކުރެވިފައިވަނީ ތިނަދޫ ކެމްޕަސްގެ މެނޭޖަރ ލައުޝާ މުޙައްމަދަށެވެ.
މި ޙަރަކާތް މިއަދު ނިންމާލުމުގެ ގޮތުން ތިނަދޫ ކެމްޕަސްގެ ސީނިއަރ އެޑްމިން އޮފިސަރ މަރިޔަމް ވަސީލާ ވަނީ ނޭކައިގެ ރައީސާ ފާތިމަތު މީސަމް މުޙައްމަދަށް ތަށިބަރި ހަވާލުކޮށްފައެވެ.
މި ހަރަކާތުގައި ކެމްޕަހުގެ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި އޮތީ އެކި ދުވަހު އެކި ދަރިވަރުން އަދި މުވައްޒިފުންގެ ފަރާތުން އެކި ދަރިވަރުންނާ މުވައްޒިފުންނަށް ރޯދަ ވީއްލުމަށް ތަށިބަރި ގެންގޮސްދިނުމެވެ.





