ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި ކަމުގައިވާ، ގުރުޒުން ކުޅުދުއްފުށި ކެމްޕަހުގެ ހުރިހާ ދަރިވަރުންނަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
2026 މާރިޗު 31 ވީ އަންގާރަދުވަހު މެންދުރު ކުޅުދުއްފުށީ ކެމްޕަހުގެ ކުލާސްރޫމް 7 ގައި ބޭއްވުނު މި ބައްދަލުވުމުގައި ދަރިވަރުންގެ ކިޔެވުމަށް ދިމާވާ ދަތިތަކާއި، ގޮންޖެހުންތަކުގެ މައްޗަށް ދަރިވަރުން ވަނީ ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން އެކި ފެކަލްޓީތަކުގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ދަރިވަރުން މި ބައްދަލުވުމުގައި ބައިވެރިވިއިރު، ތަފާތު ފެކަލްޓީތަކުގެ ދަރިވަރުންނަށް ދިމާވާ އެކި މައްސަލަތަކުގެ ޝުޢޫރުތައް ވަނީ ގުރުޒާއި ޙިއްސާކުރެވިފައެވެ.
މި ބައްދަލުވުމުގައި ދަރިވަރުންގެ ޚިޔާލު ފާޅުކުރުމުގެ ތެރެއިން، މި އަހަރު ގުރުޒުން ހިންގުމަށް ރޭވިފައިވާ ޙަރަކާތްތަކުގެ މައްޗަށް އަލިއަޅުވާލެވުނެވެ. އެގޮތުން ދަރިވަރުންގެ އެދުމުގެ މަތިން ބައެއް އިތުރު ޙަރަކާތްތަކުގެ ތާރީޚުތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަދަ ބައްދަލުވުންތަކުގެ ސަބަބުން މި ކެމްޕަހުގެ ކިޔަވާ ދަރިވަރުންނާއި ގުރުޒުގެ އިސްވާރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވާކަން ގުރުޒުން ފާހަގަ ކުރަނީ ވަރަށް އުފަލާއެކުއެވެ.





