

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތް، 12 ވަނަ ވެސްޓްރޭޑް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި އެމް.އެން.ޔޫ ބިޒުނަސް ސްކޫލް (އެމް.އެން.ޔޫ ބީ.އެސް) އާއި ބައްދަލުކޮށް ސްކޫލް އޮފް ނާރސިން (އެސް.އެން) އިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.
މި ފޯރިގަދަ މެޗު އެސް.އެން ޓީމުން ކާމިޔާބުކޮށްފައިވަނީ ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ފެށިއިރު ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ބީ.އެސް ގެ ޓީމުން ގިނަ ޕޮއިންޓުތަކެއް ކައިރިކައިރިން ހޯދާ ފަހަތުން އަރައި ވަނީ ރަނގަޅު ލީޑެއް ނަގާފައެވެ. ސެޓު ނިމުނު އިރު އެސް.އެން މަޑު މަޑުން އަރާ ހަމަހަމަކުރި ނަމަވެސް 29-27 ގެ ނަތީޖާއަކުން ސެޓު ކާމިޔާބު ކުރީ އެމް.އެން.ޔޫ ބީ.އެސްއެވެ. ދެވަނަ ސެޓުގައި އެސް.އެން އިން ލީޑް ނަގާ ކުޅެމުން ދަނިކޮށް، ހުށިޔާރުކަމާއެކު އެމް.އެން.ޔޫ ބީ.އެސް އިން ހަމަހަމަކޮށް މި ސެޓުގެ ވެސް ލީޑުނަގާ 25-20 ގެ ނަތީޖާ އަކުން ކާމިޔާބުކުރިއެވެ.
ތިންވަނަ ސެޓު ފެށިގެންދިޔައީ ދެ ޓީމަށްވެސް ބޮޑު ޕްރެޝަރަކާއެކުއެވެ. މުބާރާތުގެ ތަށި ދިފާއުކުރުމަށް އެސް.އެން ޓީމަށް މި ސެޓު މުހިންމުވި އިރު، ބީ.އެސް އިން މެޗު ކާމިޔާބުކޮށް ތަށި މިލްކުކުރުމަށް މި ސެޓު ހޯދުން މުހިންމެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ސެޓުގައި އެސް.އެން އިން ކުރީ ދެ ސެޓާ ތަފާތު މޮޅު ކުޅުމެއްދައްކައި ލީޑު ނަގާ މި ސެޓު، 13-25 ގެ ނަތީޖާއަކުން ވަނީ ކާމިޔާބުކޮށްފައެވެ. ޖެހިގެން އައި ސެޓުގައި ބީ.އެސްގެ ޓީމުން ޕްރެޝަރާއެކުކުޅެމުން ދަނިކޮށް، އަވަސް ކުޅުމަކާއެކު އެސް.އެން އިން ކައިރިކައިރިން ގިނަ ޕޮއިންޓްތަކެއް ހޯދާ މި ސެޓުގައި 8-25 ގެ ނަތީޖާގެ ބޮޑު ތަފާތަކުން ވަނީ ހަމަހަމަކޮށްފައެވެ.
އެންމެފަހު ސެޓުގައި ވަރަށް ފޯރިއާއެކު ކައިރި ކައިރިން ދެ ޓީމުންވެސް ޕޮއިންޓް ހޯދަމުންގޮސް މި ސެޓު 16-14 ގެ ނަތީޖާއިން ކާމިޔާބުކޮށް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލީ ސްކޫލް އޮފް ނާރސިންގެ ޓީމުންނެވެ. މިމެޗުގައި މޮޅު ކުޅުމެއްދައްކައި، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސް.އެން ޓީމުގެ ޖާޒީ ނަމްބަރ 15 އިބާ އަބްދުﷲއެވެ.
އެސް.އެންގެ ޓީމުން މުބާރާތުގެ ފައިނަލާއި ހަމައަށް ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 100 އިންސަންތަ މޮޅުވުމުގެ ރިކޯޑާއެކުއެވެ. އެސް.އެންގެ ޓީމަކީ މި މުބާރާތުގެ ތާރީހަށް ބަލާލާއިރު ކާމިޔާބު ޓީމެކެވެ. މިއީ ޖެހިޖެހިގެން އެސް.އެންގެ ޓީމު ފައިނަލުގައި ކުޅުނު ހަތް ވަނަ އަހަރެވެ. އަދި ފާއިތުވެ ހަތަރު އަހަރު ޗެންޕިއަންކަން ހޯދާ މިއަހަރު މުބާރާތުގެ ތަށި ވެސް 100 އިންސަންތަ މޮޅުވުމުގެ ރިކޯޑާއެކު މިލްކުކުރުން މީއީ ހަގީގަތުގައިވެސް އެސް.އެންއަށް ފަޙުރުވެރިވުން ހައްގު ކާމިޔާބީއެކެވެ.
ވޭތުވެދިޔަ މާރިޗު މަހުގެ 26 އިން މި މަހު 2ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމުލަ 18 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވެސްޓްރޭޑެވެ. މީގެ އިތުރުން ޑިޖިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގު ހިމެނެއެވެ.




