2026 ވަނަ އަހަރުގެ ދުނިޔޭގެ ސިއްޚަތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމް އެން ޔޫ އެސްޔޫ އިން ހިންގި ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި ހަރަކާތް އިންތިޒާމްކޮށްފައި ވަނީ އެމްއެންޔޫ އެސްޔޫގެ ގޮފިތައް ކަމަށްވާ މެޑިކޯސް، ހީލާރސް އަދި ނިއަރެސް ގުޅިގެންނެވެ. މީގެ އިތުރުން އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގައި އަތޮޅުތަކުގެ ގޮފިތައްވެސް މި ހަރަކާތުގައި ވަނީ ބައިވެރިވެފައިއެވެ. އަދި އަތޮޅުތެރޭގެ ގޮފިތައް ވެސް މާލޭގެ ގޮފިތަކާއި އެއްފަދައިން އާންމުންނަށް ހުޅުވާލައިގެން ހިންގާ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.
މާލޭގެ ގޮފިތައް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 11 އޭޕްރީލް ވީ ހޮނިހިރު ދުވަހުގެ ހަވީރު 04:00ން 06:00ށް މާލޭގެ އާޓިފިޝަލް ބީޗުގައެވެ. މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރު ކުޅެވޭނެ ސްޓޯލް ތަކާއި، ހެލްތް ސްކްރީނިންގް ސްޓޯލް ތަކާއި، ސިއްޚަތާބެހޭ މައުލޫމާތު ދޭ ސްޓޯލްތައް ބަހައްޓާފައި ވެއެވެ. މި ހަރަކާތުގައި ތަފާތު އުމުރުފުރާތަކުގެ މީހުން ބައިވެރި ވެފައިވެއެވެ.
މާލޭގެ ސްޓޯލްތައް އިންތިޒާމް ކޮށްފައިވަނީ މެޑިކޯސް، ނިއަރެސް އަދި ހީލާރސް ގުޅިގެންނެވެ. އަދި މީގެ އިތުރުން މި އަހަރުގެ ހަރަކާތުގައި އެސްޔޫގެ ގޮތްޕެއް ކަމަށްވާ ފެސްޓްއިން، ތަރަހަ އަދި ފެސާ އިން ވެސް ބައިވެރި ވެފައިވެއެވެ. ހަމައެހންމެ މި ހަވީރުގައި އެމްއެންޔޫ އެސްޔޫ ގެ ޑާންސް ގްރޫޕް އަދި ބޮޑުބެރު ގްރޫޕް ގެ ހަރަކާތްތައްވެސް ފެނިގެން ދިޔައެވެ.
އެމްއެންޔޫ އެސްޔޫ ގެ އިތުރުން މި ހަރަކާތުގައި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްދިވްސް އަދި ސޮސައިޓީ ފޯރ ހެލްތް އެޑިޔުކޭޝަން ގެ ފަރާތުންވެސް ވަނީ ސްޓޯލްތައް ހިންގާފައިވެއެވެ.
މިފަދަ ހަރަކާތެއް މިދިޔަ އަހަރުގައިވެސް “އެމް.އެން.ޔޫ އެސް.ޔޫ ދުޅަހެޔޮ އީދު”ގެ ނަމުގައި ހިންގާފައި ވެއެވެ. އަދި އެމް އެން ޔޫ އެސް ޔޫ އިން އަމާޒު ކުރަނީ މިފަދަ ހަރަކާތެއް ކުރިޔަށް އޮތް އަހަރުތަކުގައި ވެސް ހިންގުމަށެވެ.






