ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގައި މުޅިން އަލަށް ބައިވެރިވި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދައިފިއެވެ.
އަހްމަދިއްޔާގެ ފުރަތަމަ މެޗުގައި އެޓީމު ވާދަކުރީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއެވެ. މި މެޗު އަޙްމަދިއްޔާއިން ކާމިޔާބު ކުރީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަޙްމަދިއްޔާގެ ޖާޒީ ނަންބަރު 6, އިބްރާހިމް އަވްސަމް އަބްދުالله އެވެ.
މިއީ ހަޔަރ އެޑިއުކޭޝަން ސެކްޓަރގެ ދަރިވަރުންނަށް ޚާއްސަކޮށްގެން, ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތުގައި, މަތީ ތަޢުލީމު ޙާސިލްކުރާ ސްކޫލެއްގެ ދަރިވަރުން ބައިވެރިވި ފުރަތަމަ ފަހަރެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު ފިރިހެން ޑިވިޝަންގެ އެހެން މެޗުތަކަށް ބަލާއިރު, މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) އާއި މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ޓެކްނޮލޮޖީ (އެމް.އައި.ޓީ) ބައްދަލުކުރި މެޗު 15-2 ން ކާމިޔާބު ކުރީ އެމް.ބީ.އެސްގެ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.ބީ.އެސްގެ ޖާޒީ ނަންބަރު 10, އިބްރާހިމް ހާމިދެވެ. އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީއެސް) އާއި ވިލާ ކޮލެޖު ބައްދަލުކުރި މެޗު 1-0ން އެމް.އެން.ޔޫ.ބީ.އެސް ކާމިޔާބު ކުރިއިރު, އެމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާޒީ ނަންބަރު 11, މުޙައްމަދު ފައިޒާން ފަޒީނެވެ.
މީގެ އިތުރުން, ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އާއި ފެކަލްޓީ އޮފް އާޓްސް (އެފް.އޭ) ބައްދަލުކުރި މެޗު ސީ.އެފް.އެސް އިން ކާމިޔާބު ކުރީ 6-1 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސީ.އެފް.އެސްގެ ޖާޒީ ނަންބަރު 10, މުޙައްމަދު ޝަމްހާނެވެ. ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން މެޕްސް ކޮލެޖުގެ މައްޗަށް 5-1 ން ކުރިހޯދިއިރު, އެމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް.އީގެ ޖާޒީ ނަންބަރު 20, ޔައިޝް މުސްތަފާއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އާއި ޒިކުރާ ކޮލެޖު ބައްދަލުކުރި މެޗު ޒިކުރާ ކޮލެޖުން ކާމިޔާބު ކުރީ 6-1 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ޒިކުރާ ކޮލެޖުގެ ޖާޒީ ނަންބަރު 6, އަޙްމަދު ނަބީލެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް ކުރިއަށް ދިޔައީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. އެގޮތުން, ވިލާ ކޮލެޖާއި އެފް.އީ ބައްދަލުކުރި މެޗު ވިލާ ކޮލެޖުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވިލާ ކޮލެޖުގެ ޖާޒީ ނަންބަރު 3, ފާތިމަތޔު ނިހާމާއެވެ. މިއާންޒް ކޮލެޖާއި އެމް.އެން.ޔޫ.ބީ.އެސް ބައްދަލުކުރި މެޗު ކޮންމެ ޓީމަކުންވެސް ދެލަނޑު ޖަހާ އެއްވަރުވިއިރު, މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާޒީ ނަންބަރު 8, ހައްވާ މިންހާ އަހްމަދެވެ.
ފެކަލްޓީ އޮފް ހެލަތު ސައިންސަސް (އެފް.އެޗް.އެސް) އާއި ސީ.އެފް.އެސް ބައްދަލުކުރި މެޗު 4-1 ން ކާމިޔާބު ކުރީ އެފް.އެޗް.އެސް އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެފް.އެޗް.އެސްގެ ޖާޒީ ނަންބަރު 8, ފާތިމަތު މާނިއާއެވެ.
މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ މި މަހުގެ އެއްވަނަ ދުވަހުން 15 ގެ ނިޔަލަށެވެ. މިއީ ހަޔަރ އެޑިއުކޭޝަން ސެކްޓަރގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ މި މުބާރާތުގެ 13 ވަނަ އެޑިޝަނެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ބޭންކިންގ ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އަދި ލޮޖިސްޓިކްސް ޕާޓްނަރުގެ ގޮތުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހަރަކާތްތެރިވާއިރު, ޕްރިންޓިންގ އެންޑް ކިޓް ޕާޓްނަރަކީ ށަވިޔަންޏެވެ. މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޮއިސް ސްޕޯޓްސް ހަމަޖައްސާފައިވާއިރު, ބެވެރޭޖް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް (ތާޒާ) އެވެ. ސްޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި މާކުއީ ހަމަޖައްސާފައިވާ އިރު, ކޭޓަރިންގ ޕާޓްނަރަކީ ލެސޫކްއެވެ. ސާވިސެސް ޕާޓްނަރަކީ ޓާސްކިން އެޕްއެވެ. މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކީ ޖީ ލައިވްއެވެ.
މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ދެން ހިމެނެނީ ތޫލް, މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް, ސްޕޯޓްސް އެންޑް ފިޓްނަސް, މާލެ ސިޓީ ކައުންސިލް އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ އިތުރުން އީޒެޕް އާއި ކުއިކް އީޒީއެވެ.





