ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ނޭކައިން މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
8 މެއި ހުކުރު ދުވަހު ތިނަދޫގެ މިއުޒިއަމް ޕާކުގައި ނޭކައިގެ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވިމެން އެންމަޕަވަރމެންޓް އެސޯސިއޭޝަން އިން ތިނަދޫ (ވީޓް) އިން އިންތިޒާމްކުރި ޚާއްސަ އިވެންޓްގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހާވެސް ގުޅިގެންނެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ކުޑަ ކުދިންގެ ދުވަހުގެ މުނާސަބަތުގައި ނޭކައިގެ އިސްވާރުން އެކުދިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލުމާއި، އެ ކުދިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރުމެވެ.
ނޭކައިގެ ސްޓޯލްގައި ތަފާތު ކުުޅިވަރުތައް ކުޅެވިގެން ދިޔަ އިރު މި ހަރަކާތް މިހާ ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދެވުނީ ހަރަކާތް ރާވާ ހިންގުމުގެ މަސައްކަތްތަކުގައި ބައިވެރިވި ނޭކައިގެ އިސްވާރުންގެ ފުރިހަމަ އެއްބާރުލުމުގެ ސަބަބުންނެވެ.






