އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާގައި 2026ވަނަ އަހަރު މަސައްކަތްކުރި މެންބަރުންގެ ތެރެއިން އެންމެ ހަރަކާތްތެރި މެންބަރަކަށް މުޙައްމަދު ނުހާމް ހޮވިއްޖެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ މެންބަރުންނަށްދޭ އިނާމުތައް ދީފައިވަނީ ނޮވެންބަރު 20 ވީ ހުކުރު ދުވަހުގެރޭ އެމް.އެން.ޔޫ ސީ.އޭ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ އެމް.އެން.ޔޫ.އެސް.ޔޫ އެވޯޑު ނައިޓުގައެވެ. މި ހަފްލާގައި މީޑިއާ ޓީމުގެ އިނާމުތަކުގެ އިތުރުން ލީޑަރުންނަށްދޭ އިނާމުތައްވެސް ވަނީ ދީފައެވެ. އަދި ހަމަ އެހެންމެ، އެމް.އެން.ޔޫ.އެސް.ޔޫގެ 15ވަނަ ހިންގާ ކޮމިޓީ އިފްތިތާހުކުރުންވެސް މި ރަސްމިއްޔާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާގެ ދެވަނަ އަށް އެންމެ ހަރަކާތްތެރި މެންބަރުގެ ގޮތުގައި ހޮވިފައިވަނީ އިޤްޝާން މުޙައްމަދު އިޤްބާލެވެ. މީގެ އިތުރުން ތިންވަނަ އަށް އެންމެ ހަރަކާތްތެރި މެންބަރުންގެ ގޮތުގައި ދެ މެންބަރުން ވަނީ ހޮވިފައެވެ. އެއީ މަލްސާ ބިންތި މުޙައްމަދު ސިޔާމާއި އާއިޝަތު ޝާލިނީ ސައީދެވެ.
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ އަކީ 2018 ވަނަ އަހަރު އުފައްދާފައިވާ ޓީމެކެވެ. މި ޓީމު އުފައްދާފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ ހަރަކާތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ޔޫނިއަންގެ މީޑިއާ ކޯޑިނޭޓަރާއިއެކު މަސައްކަތް ކުރުމަށާއި ޔޫނިއަންގެ މެންބަރުންނަށް މީޑިއާގެ އެކިއެކި ހުނަރު ދަސްކޮށްދިނުމުގެ މަޤްޞަދުގައެވެ.






