ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2024″ގެ އޯގަނައިޒިންގ ޓީމް މެމްބަރުންގެ ޓްރެއިނިން ކުރިއަށް ގެންގޮސްފިއެވެ.
18 އޭޕްރީލް ވީ ބުރާސްފަތި ގުވަހުގެ ރޭ އެމް.އެން.ޔޫ ބީ ބްލޮކުގައި ކުރިއަށްދިޔަ މި ޓްރެއިނިންގައި މުބާރާތުގެ ހިންގާ ކޮމެޓީ މެމްބަރުން ވަނީ ބައިވެރިވެފައެވެ. އަދި މުބާރާތުގެ އޯގަނައިޒިންގ ޓީމުގެ މެމްބަރުންނާއި، ޑިސިޕްލިނަރީ ކޮމެޓީގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.
މި ޓްރެއިނިންގައި މެމްބަރުންނަށް ސްކޯ ޝީޓް ފުރާނެ ގޮތާއި، ލައިންސްމަންސް ސަމާލު ވާންޖެހޭ ކަންކަމާއި، ވޮލީގެ ގަވާއިދު ވަނީ ކިޔާދީފައެވެ.
އަދި މީޑިއާ ޓްރެއިނިންގ ސެޝަނެއް ކުރިޔަށް ގެންދިޔުމުގެ އިތުރުން ޕްރެކްޓިސް މެޗުތަކުގައި ތަޖުރިބާ ހޯދުމުގެ ގޮތުން ކުދިން ބޭނުން ކުރަމުން ގެންދިޔުމަށް ވަނީ ރޭވިފައެވެ.
ކުރީ އަހަރުތަކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައިވެސް ސްކޯ ޝީޓް ފުރުމާއި، ލައިންސްމަނުންގެ ގޮތުގައްޔާއި، މިނޫން ވެސް މުބާރާތް އިންތިޒާމުކުރުމުގެ ކަންކަމުގައި، ހިންގާކޮމެޓީ މެމްބަރުންނާއެކު ހަރަކާތްތެރިވާނީ ޔޫނިއަންގެ ލީޑާރސް ގްރޫޕުގެ ހީވާގި އިސްވާރުންނެވެ.
ޔޫނިއަންގެ އަމާޒަކީ ދަރިވަރުންނަށް ވީހާވެސް ގިނަ ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މިއަހަރުގެ ވޮލީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
މިއީ ދަރިވަރުންގެ ޔޫނިއަނުން ބާއްވާ ދެވަނައަށް އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ.