ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިގިރޭސި ބަހުސް މުބާރާތުގައި މިރޭ ކުރިއަށްދިޔަ ބަހުސް ތަކުން ސްކޫލް އޮފް މެޑިސިންގ (އެސް.އެމް) އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
10 ޖޫން ވީ ހޯމަ ދުވަހުގެ ރޭ އެމް.އެން.ޔޫ އެފް.އީ އޮޑިޓޯރިއަމްގައި ފުރަތަމަ ކުރިއަށްދިޔަ ބަހުސްގައި ބައްދަލުކޮށްފައިވަނީ އެސް.އެމް އާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް (ސީ.އެފް.އެސް)ގެ ޓީމެވެ. އެސް.އެމްގެ ޓީމުން މައުޟޫއާއި ދެކޮޅަށް ބަހުސްކުރިއިރު، މި ޓީމުން ސީ.އެފް.އެސްގެ މައްޗަށް ކުރި ހޯދާފައިވަނީ 1276 ޕޮއިންޓުންނެވެ. މި ބަހުސްގައި ސީ.އެފް.އެސްގެ ޓީމަށް ލިބިފައިވަނީ 1047 ޕޮއިންޓެވެ. މި ބަހުސްގެ މޮޅު ބަހުސްކުރުންތެރިޔާގެ މަގާމު ހާސިލްކޮށްފައިވަނީ އެސް.އެމްގެ މަރިޔަމް ލުބާ އަބްދުއްﷲ އެވެ.
ދެވަނަ ބަހުސްގައި އެފް.އީ އަދި ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލަޖީ (ފެސްޓް) ބައްދަލުކުރިއިރު، މި ބަހުސް އެފް.އީގެ ޓީމުން ފެސްޓްގެ މައްޗަށް ކުރި ހޯދާފައިވަނީ 1409 ޕޮއިންޓް ހޯދައިގެންނެވެ. ފެސްޓްގެ ޓީމަށް ލިބިފައިވަނީ 1171 ޕޮއިންޓެވެ. މި ބަހުސްގެ މޮޅު ބަހުސްކުރުންތެރިޔާއަށް ހޮވިފައިވަނީ މައުޟޫއާއި އެއްކޮޅަށް ބަހުސްކުރި އެފް.އީ ޓީމުގެ މަރިޔަމް ޝަރާ ޝުޖާއުއެވެ.
މިރޭގެ ބަހުސްތަކަށް ފަހު މުބާރާތުގެ ސެމީ ފައިނަލަށްދާ ޓީމުތަށް އިއުލާންކުރެވިފައިވާއިރު، ސެމީ ފައިނަލް ބަހުސްގެ ގުރު ނެގުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސެމީ ފައިނަލްގެ ބަހުސްތައް 11 ޖޫން ވާ އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލުކުރެވިފައެވެ. ސެމީގެ ފުރަތަމަ ބަހުސްގައި ބައްދަލުކުރާނީ އެސް.އެމް އަދި އެފް.އީގެ ޓީމެވެ. އަދި ދެވަނަ ބަހުސްގައި ބައްދަލުކުރާނީ ސީ.އެފް.އެސް. އަދި އެފް.އެސް.އެލްގެ ޓީމެވެ.
ދަރިވަރުންގެ ޔޫނިއަނުން ކުރިއަށްމިގެންދެވޭ އިނގިރޭސި ބަހުސް މުބާރާތަކީ އިނގިރޭސިބަހަށް ފަރިތަ، މިފަންނަށް ޝައުޤުވެރިވާ ދަރިވަރުންނަށް، ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ މުބާރާތެކެވެ.





