އެމެރިކަން ސެންޓަރ މޯލްޑިވްސް އާއި ގުޅިގެން އެމް.އެން.ޔޫ.އެސް،ޔޫއިން ސާފުކުރުމުގެ ހަރަކާތެއް މާލޭގައި ކުރިއަށްގެންގޮސްފިއެވެ. ސާފުކުރުމުގެ ހަރަކާތް ބާއްވައިފައިވަނީ 2021 ޑިސެންބަރު 22 ވީ ބުދަ ދުވަހުގެ ހަވީރު މާލޭ އާޓިފިޝިއަލް ބީޗް ސަރަހައްދުގައެވެ.
ހަރަކާތުގައި ޖުމްލަ 203.8 ކިލޯގެ ކުނި ހޮވާފައިވެއެވެ. އޭގެ ތެރޭގައި ދަނގަޑާއި، ބިއްލޫރިއާއި، ޕްލާސްޓިކުގެ އިތުރުން އާންމު ބާވަތުގެ ކުނި ހިމެނެއެވެ.
މި ހަރަކާތުގައި ޔޫ.އެސް.އޭ.އައި.ޑީ މޯލްޑިވްސް ގެ ކޯޑިނޭޓަރ މިސް ހިލަރީ މިޑްކިފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ 30ށް ވުރެ ގިނަ ލީޑަރުންނާއި އެމެރިކަން ސެންޓަރ މޯލްޑިވްސް ގެ މެންބަރުންގެ އިތުރުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.


މި ހަރަކާތް ބޭއްވުމުގެ މަގްސަދަކީ ދަރިވަރުންނަކީ ތިމާވެއްޓާ ރަހުމަތްތެރި، އެއްބައިވަންތަ ބައެއް ކަމުގައި ހެދުމެވެ. މިފަދަ ހަރަކާތްތައް މީގެ ކުރިން ވެސް ވާނީ މާލޭ ސިޓީއާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުރިއަށް ގެންދެވިފައެވެ.






