ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށި ކެމްޕަހުގެ ގޮފި، ގުރުޒު އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ހދ.ކުޅުދުއްފުއްޓަށް ޒިޔާރަތްކުރި ޓީމުގެ ބައިވެރިންނާއެކު ފްރެޝާސް ނައިޓް ބާއްވައިފިއެވެ.
’ސްޓެއަރީ ނައިޓް‘ ތީމަށް 27 ފެބްރުއަރީ 2026 ވީ ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ’ޓޫ ޓްރޫތް ވަން ލައި‘ އާއި ’މިއުޒިކަލް ޗެއަރ‘ އާއި ތަފާތު އެކިއެކި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތަކުގައި ގިނަ ދަރިވަރުންތަކެއް ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ފްރެޝާސް ނައިޓްގައި ’ލަކީ ޑްރޯ‘ ގެ އިނާމުތައް ކުދިންނަށް ހަވާލުކުރުންވެސް ކުރިޔަށް ގެންދެވިފައިވެއެވެ. ފްރެޝާސް ނައިޓް ނިމިގެންދިޔައީ ވަރަށް ފޯރިގަދަ ކަމާއެކު ޕިއްޒާ ޕާޓީއަކުންނެވެ.
ކޮންމެ އަހަރަކުވެސް ގުރުޒުން އިންތިޒާމުކޮށްގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިޔައް ގެންދެއެވެ. އަދި މިކަހަލަ ހަރަކާތްތައް ވެގެންދަނީ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުން އިތުރަށް ގުޅުން ބަދަހިކުރުވާ ހަރަކާތްތަކަކަށެވެ. މިއަހަރުގެ މިސެމެސްޓާރގައި ވެސް ކުރިޔަށް ފޯރިގަދަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ.





