ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 12 ވަނަ ދައުރުގެ ގޮފިތަކުގެ ހިންގާ ކޮމެޓީތައް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިފްތިތާހު ކޮށްދެއްވައިފިއެވެ.
އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައި ބޭއްވުނު މިރަސްމިއްޔާތުގައި އެމް.އެން.ޔޫގެ މާލޭ ކެމްޕަހުގެ 10 ގޮފީގެ ޖުމްލަ 60 ދަރިވަރަކަށް ވަނީ މަގާމް ހަވާލު ކުރެވިފައެވެ. އަދި ފާއިތުވެދިޔަ ދައުރުގައި ގޮފިތަކުގައި މަސައްކަތްކުރި މެމްބަރުންނަށް ރެފަރެންސް ލެޓަރ ހަވާލުކުރެވުނެވެ.
މިރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ ދަރިވަރުންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. ވައިސް ޗާންސެލަރގެ އިތުރުން ޔޫނިއަންގެ ރައީސް ޖައިޝް އަލީ ވަހީދާއި 10 ވަނަ ދައުރުގެ ރައީސް ޙުސައިން ޒައިދު އަދި ޔޫނިއަންގެ މިދައުރުގެ ނައިބު ރައީސް (ގޮފިތައް) ސައިފުﷲ މުސްލިމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ގޮފިތަކުގެ ހިންގާކޮމެޓީގެ މެމްބަރުންގެ ފަރާތުން ސޮސައިޓީ ފޯ ޝަރީއާ އެންޑް ލޯ (އެސްއެސްއެލްގެ)ގެ ރައީސް އިސްމާއިލް ރަޒީން އިމްރާން ވަނީ ވާހަކަ ދައްކަވާފައެވެ.
ދަރިވަރުންގެ ޔޫނިއަންގައި ޖުމުލަ 14 ގޮތްޕެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 10 ގޮފި ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. އަދި ބާކީ 4 ގޮފި ހަރަކާތްތެރިވަނީ އަތޮޅުތެރޭ ކެމްޕަސްތަކުގައެވެ.