ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ.) އިން ކޮންމެ އަހަރަކުވެސް ޔުނިވަރސިޓީގެ އަތޮޅުތެރޭ ކެމްޕަސްތަކަށް ކުރާ ދަތުރުތަކުގެ ސިލްސިލާގެ ތެރެއިން 2024 ވަނަ އަހަރުގެ ދަތުރުތައް ފަށައިފިއެވެ.
މިއީ ޔުނިވަރސިޓީގެ އަތޮޅުތެރޭ ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރުމުގެ ބޭނުމުގައި ކުރާ ދަތުރުތަކެކެވެ.
މިގޮތުން ގަން ކެމްޕަހަށް ދަތުރުކުރާ ޓީމު މިއަދު މެންދުރު ވަނީ އެ ރަށަށް ދަތުރުކޮށްފައެވެ. މި ދަތުރުގައި ހިމެނެނީ ޔޫނިއަންގެ ރައީސް ޖައިޝް އަލީ ވަހީދާއި، ތަރަހައިގެ ކުރީގެ ރައީސް އަހުމަދު ޝާން، ޝެޓްސްގެ ކުރީގެ ނައިބު ރައީސް (އިތުރު ޙަރަކާތް) ދާނިޔަލް އަމްރު މޫސާގެ އިތުރުން މީޑިއާ ޓީމް މެމްބަރ މުހައްމަދު ޒާއިން ޒަރީރުއެވެ.
ތިނަދޫ އަދި ކުޅުދުއްފުށި ކެމްޕަސް ތަކަށް ދަތުރުކުރާ ޓީމުތައް 7 މާރިޗު ވާ ބުރާސްފަތި ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ. ތިނަދޫ ކެމްޕަހަށް ދަތުރުކުރާ ޓީމުގައި ހިމެނެނީ ޔޫނިއަންގެ ނައިބު ރައީސް (އިތުރު ހަރަކާތް) އިބްރާހިމް މިޝްއަލް މޫސާ، ޔޫނިއަންގެ 11 ވަނަ ދައުރުގެ ނައިބު ރައީސް (އިތުރު ހަރަކާތް) ސުޢައިދު ޔޫނުސް އަދި މީޑިއާ ޓީމު މެމްބަރ އައިޝަތު އަނާ އެވެ.
ކުޅުދުއްފުށީ ކެމްޕަހަށް ދަތުރުކުރާ ޓީމުގައި ހިމެނޭ މެމްބަރުންނަކީ ޔޫނިއަންގެ ނައިބު ރައީސް (އިލްމީ) މުހައްމަދު ނާބިތު އަހުމަދު އަދި މީޑިއާ ކޯރޑިނޭޓަރ ހަސްނާ ވިޝާމް ގެ އިތުރުން މީޑިއާ ޓީމް މެމްބަރ މުހައްމަދު އަޔާން ނިޒާރެވެ.
ހިތަދޫ ކެމްޕަހަށް ދަތުރުކުރާ ޓީމު ފުރާނީ މާރިޗު 8ވާ ހުކުރު ދުވަހެވެ. މި ޓީމުގައި ޔޫނިއަންގެ ރައީސް ޖައިޝް އަލީ ވަހީދުގެ އިތުރުން، ޔޫނިއަންގެ ސެކްރެޓަރީ މުހައްމަދު ހިޒްޔަމް ހާމިދު، ތަރަހައިގެ ކުރީގެ ރާއިސާ އާމިނަތު ޢިރަމް ސަލީމް، އަދި ތަރަހައިގެ ހަޒާންދާރު އަލީ ނަވީހު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ކެމްޕަސްތަކަށް ދަތުރުކުރާ ޓީމުތަކުން އެ ކެމްޕަސްތަކުގެ ދަރިވަރުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދަނާލު ހިމެނޭ ކެމްޕަސްތަކުގެ ދަނާލު ދަރިވަރުންނާވެސް ބައްދަލުކުރާނެއެވެ. އަދި މީގެއިތުރުން ދަތުރުގެ ބައިވެރިންނާއި ދަރިވަރުންނާއެކު ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކެމްޕަސްތަކުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައްވެސް އިފްތިތާހު ކުރުމަށްވަނީ ރޭވިފައެވެ.
އަތޮޅުތެރޭ ކެމްޕަސްތަކަށް އަހަރަކު އެއްފަހަރު ކުރެވޭ ކެމްޕަސް ދަތުރުތަކަކީ ސިލްސިލާ ގޮތެއްގައި 2018 ވަނަ އަހަރުން ފެށިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިއަށް ގެންދާ ދަތުރުތަކެކެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު މެދުކެނޑުނުކަމުގައިވިޔަސް 2021 ވަނަ އަހަރުން ފެށިގެން މި ދަތުރުތައް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.