2024 ވަނަ އަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ތާރީޙީ ލެގަސީ ޝީލްޑް އަންހެން މެޗް ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފް.އެޗް.އެސް)ގެ ޓީމާއި ވާދަކޮށް ސްކޫލް އޮފް ނާރސިންގ (އެސް.އެން) އިން ކާމިޔާބުކިށްފިއެވެ.
ބުދަ ދުވަހުގެ ރޭ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތަށްފަހު އެމް.އެން.ޔޫ އެފް.އީ ފީ.އީ ހޯލުގައި ކުޅެވުނު މި ފޯރިގަދަ މެޗުގައި ދެ ޓީމުން ވެސް ވަނީ ރީތި ކުޅުމެއް ދައްކާފައެވެ.
އެމް.އެން.ޔޫ.އެސްޔޫ އިން މުޅިން އަލަށް ތައާރަފްކުރި ލެގަސީ ޝީލްޑް މެޗުގައި ވާދަކުރި، އެސް.އެން އަދި އެފް.އެޗް.އެސް ގެ ޓީމަކީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރި ދެޓީމެވެ.
އެސް.އެން އިން ލެގަސީ ޝީލްޑް ކާމިޔާބުކުރީ އެފްއެޗްއެސްގެ މައްޗަށް ސީދާ ދެސެޓުން ކުރި ހޯދައިގެންނެވެ. އެސް.އެން އިން ސެޓުތައް ހޯދީ 25-13 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އެސް.އެން ޓީމުގެ ޖާޒީ ނަންބަރު 19 މަނާލް އިސްމާއިލް ރަޝީދެވެ.
މިއަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި 9 ޓީމާއެކު، ޖުމުލަ 18 ޓީމު ވާދަކުރާނެއެވެ. އިންޓަރ ފެކަލްޓީ ވޮލީ މުބާރާތަކީ ޔޫނިއަނުން ބާއްވަމުން އަންނަ ދެވަނައަށް އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މިއަހަރުގެ މުބާރާތަކީ މީގެ 10 ވަނަ މުބާރާތެވެ. މުބާރާތް ކުރިއަށްދާނީ މެއި 1 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް އެމް.އެން.ޔޫ އެފް،އީ ޕީ.އީ ހޯލުގައެވެ.
އެގޮތުން މާދަމާ މުބާރާތުގެ 4 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މެޗްތައް ފަށާނީ ރޭގަނޑު 19:00 މިނެޓުގައެވެ.





