ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ސިލްސިލާކޮށް ބާއްވަމުން އަންނަ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި ގުރޫޕް އޭ ގެ އަންހެން ޑިވިޝަނުގައި މިރޭ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އަދި ސްކޫލް އޮފް ނާރސިން (އެސް.އެން) ކުޅުނު މެޗުތައް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފިއެވެ.
އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ އެސް.އެންގެ ޓީމާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)ގެ ޓީމެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އެސް.އެންގެ ޓީމުން މިމެޗް ކާމިޔާބު ކޮށްފައިވަނީ 25-09 އަދި 25-04 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ތަފާތު ބޮޑު ނަތީޖާއަކުން އެސް.އެން އަށް މެޗް ކާމިޔާބުކޮށް ދިނުމުގައި އިސްރޯލެއް އަދާކޮށްފައިވާ އެ ޓީމުގެ ޖާޒީ ނަމްބަރ 11 އައިމިނަތު ފިރުޝާ އެވެ.
އަންހެން ޑިވިޝަނުގައި މިރޭ ދެވަނައަށް ކުޅެވުނު ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) އާއި ސީ.އެފް.އެސް ކުޅުނު މެޗު ސީ.އެފް.އެސް ދެ ސެޓުން މެޗު ކާމިޔާބު ކުރީ 25-16 އަދި 25-08 އިންނެވެ. މި މެޗުގެ މޮޅު ކުލުންތެރިޔާ އަށް ހޮވިފައިވަނީ ސީ.އެފް.އެސް ޓީމުގެ ކެޕްޓަން ޖާޒީ ނަމްބަރ 12 އައިޝަތު ނައުރީން އެވެ.
03 މެއި ވާ ހުކުރު ދުވަހުގެ ހަވީރު އަދި ރޭގަނޑު އަންހެން ޑިވިޝަނުގެ 4 މެޗެއް ކުޅުމަށް ވަނީ ތާވަލު ކުރެވިފައެވެ. އެގޮތުން 17:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފް.އެޗް.އެސް) އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ގެ ޓީމެވެ.
މިއަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި 9 ޓީމާއެކު، ޖުމުލަ 18 ޓީމު ވާދަކުރާނެއެވެ. އިންޓަރ ފެކަލްޓީ ވޮލީ މުބާރާތަކީ ޔޫނިއަނުން ބާއްވަމުން އަންނަ ދެވަނައަށް އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މުބާރާތް ކުރިއަށްދާނީ މެއި 1 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް އެމް.އެން.ޔޫ އެފް،އީ ޕީ.އީ ހޯލުގައެވެ.





