ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ބާއްވާ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިއަދު ކުޅެވިގެންދިޔަ ފިރިހެން ޑިވިޝަނުގައި، ފެކަލްޓީ އެފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އާއި ސްކޫލް އޮފް ނާރސިންގ (އެސް.އެން) އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން މެޗުތައް ކާމިޔާބުކޮށްފިއެވެ.
މިއަދުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އާއި އެފް.އެޗް.ޓީ.އެސް ބައްދަލުކުރި މެޗް ވާދަވެރި ކުޅުމަކަށްފަހު އެފް.އެޗް.ޓީ.އެސް އިން ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުގެ ފުރަތަމަ ސެޓުގައި ސީ.އެފް.އެސް އިން ލީޑު ނަގައިފައި ވަނިކޮށް އެފް.އެޗް.ޓީ.އެސް.އިން ވަނީ ފަހަތުން އަރައި 11-11 ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއަށްފަހު މެޗުގެ ނަތީޖާ ވަރަށް ހަމަހަމަކޮށް އޮތުމަށްފަހު އެފް.އެޗް.ޓީ.އެސް.އިން މި ސެޓް ކާމިޔާބުކުރީ 25-22 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައިވެސް ވަނީ ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ. މި ސެޓުވެސް 25-22 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފް.އެޗް.ޓީ.އެސް.އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.އެޗް.ޓީ.އެސް ޓީމަށް ގިނަ ޕޮއިންޓުތަކެއް ހޯދައިދިން އެޓީމުގެ ޖާޒީ ނަމްބަރ 17 އާދަމް ޝަދާން އަބުދުލް ރައްޒާގެވެ.
ފިރިހެން ޑިވިޝަނުގައި ދެން ކުޅެވިގެން ދިޔައީ ގުރޫޕް އޭ ގެ މެޗެއް ކަމުގައިވާ އެސް.އެން އަދި ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލަޖީ (ފެސްޓް) ބައްދަލުކުރި މެޗެވެ. މި މެޗުގެ ފުރަތަމަ ސެޓު އެސް.އެން ގެ ޓީމުން ފަސޭހަކަމާއެކު 25-11 އިން ވަނީ ގެންގޮސްފައެވެ. ދެވަނަ ސެޓުގައި ފެސްޓުގެ ޓީމުން ކުޅުން ރަނގަޅުކޮށް ގިނަ ޕޮއިންޓުތަކެއް ހޯދި ނަމަވެސް 25-21 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ އެސް.އެންގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސް.އެން ޓީމުގެ ޖާޒީ ނަމްބަރ 02 އަލީ ވިޒާމެވެ.
މިއަދުގެ ފިރިހެން ޑިވިޝަނުގެ ފަހު މެޗުގައި ބައްދަލުކޮށްފައިވަނީ ސްކޫލް އޮފް މެޑިސިން (އެސް.އެމް)ގެ ޓީމާއި އެފް.އީގެ ޓީމެވެ. މި މެޗުގައި އެފް.އީގެ ޓީމުން ވަނީ ރީތި ކުޅުމެއް ދައްކައި 25-06 އަދި 25-17 ނަތީޖާއެކު، ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީ އާއެކު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.އީ ޓީމުގެ ސެޓަރ ޖާޒީ ނަމްބަރ 12 އަހުމަދު އީމާން އެވެ.
ފިރިހެން ޑިވިޝަނުގެ އިތުރު 3 މެޗު 04 މެއި ވާ ހޮނިހިރު ދުވަހު މެންދުރު 14:00 ފެށިގެން ކުޅުމަށްވަނީ ތާވަލު ކުރެވިފައެވެ. އެގޮތުން ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ގުރޫޕް ބީ ގެ ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް)ގެ ޓީމު ބައްދަލުކުރާ މެޗެވެ.
މި މުބާރާތަކީ ޔޫނިއަނުން ބާއްވާ 2 ވަނަ އަށް އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. ޖުމުލަ 18 ޓީމު ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ އެފް.އީ ޕީ.އީ ހޯލުގައެވެ.





