މިހާރު ކުރިއަށްދާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަންގެ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު އަންހެން ޑިވިޝަނުގެ މެޗުތަކުން ސްކޫލް އޮފް ނާރސިންގ (އެސް.އެން)ގެ ޓީމަށް މުބާރާތުގެ އިތުރު މޮޅެއް ލިބުނުއިރު، ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އިން ވަނީ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފައެވެ.
އަންހެން ޑިވިޝަނުގެ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފް.އެޗް.އެސް) ބައްދަލުކުރި މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އެފް.އީ އިން މި މެޗު ކާމިޔާބުކޮށްފައިވަނީ 2 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި އެފް.އެޗް.އެސް ގެ ޓީމުން 7 ޕޮއިންޓުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައި އެފް.އީގެ ޓީމުން ވަނީ ކުރި ހޯދައި، 25-08 ގެ ނަތީޖާއަކުން މި ސެޓު ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓުގައި އެފް.އެޗް.އެސްގެ ކުޅުން ވަރުގަދަކޮށް ވަނީ ތަފާތު ކުޅުމެއް ދައްކައި 22-25 އިން ސެޓް ގެންގޮސްފައެވެ. ނަތީޖާ ނެރުމަށް ކުޅެވުނު ސެޓުގައި އެފް.އީ ޓީމުން ވަނީ ފަސޭހަކަމާއެކު 15-04ގެ ނަތީޖާއިން މެޗުން މޮޅުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.އީގެ ޖާޒީ ނަމްބަރ 08 އައިމިނަތު އިބާ އިބްރާހިމް އެވެ.
ގުރޫޕް ބީ ގެ ދެވަނަ މެޗުގައި އެމް.އެން.ޔޫ.ބީ.އެސް އާއި ސްކޫލް އޮފް މެޑިސިން (އެސް.އެމް) ބައްދަލުކުރި މެޗުގައި ފަސޭހަކަމާއެކު އެމް.އެން.ޔޫ.ބީ.އެސް ވަނީ ސީދާ ދެ ސެޓުން މެޗް ކާމޔާބުކޮށްފައެވެ. މި ޓީމުން މެޗުގެ ސެޓުތައް ގެންދިޔައީ 25-10 އަދި 25-07 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާޒީ ނަމްބަރ 19 މާޔާ ހުސެއިން ސޮލާހް އެވެ.
ފާއިތުވި އަހަރުގެ ޗެންފިއަން އެސް.އެންގެ ޓީމުން ފެކަލްޓީ އޮފް އާރޓްސްގެ ޓީމާއި ބައްދަލުކޮށް މިމުބާރާތުގައި މި ޓީމުގެ ދެވަނަ މޮޅު ހޯދާފައިވަނީ ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ސެޓުގައި 25-05 ސެޓް ގެންދިޔައިރު، ދެވަނަ ސެޓުގެ ނަތީޖާ އަކީ 25-17 އެވެ. މި މެޗުގައި ތަފާތު ކުޅުމެއް ދައްކައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އެސް.އެންގެ ޖާޒީ ނަމްބަރ 09 އައިޝަތު މަލްދާއެވެ.
މިރޭގެ ފަހު މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ފެކަލްޓީ އެފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)ގެ ޓީމާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) ގެ ޓީމެވެ. މި މެޗުގައި މޮޅު ކުޅުމެއްދަކައި ސީދާ ދެ ސެޓުން މި މެޗު އެފް.އެސް.އެލް އިން ކާމިޔާބުކޮށް، މުބާރާތުގެ ފުރަތަމަ މޮޅު ވަނީ ހޯދާފައެވެ. އެފް.އެސް.އެލް. އިން ސެޓްތައް ގެންގޮސްފައިނީ 25-11 އަދި 25-15 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ އެފް.އެސް.އެލް ޓީމުގެ ޖާޒީ 05 ތާނިޔާ މޫސާއެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަނުގެ 04 މެޗެއް 04 މެއި ވާ ހޮނިހިރު ދުވަހުވެސް ކުޅުމަށް ވަނީ ތާވަލު ކުރެވިފައެވެ. ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ އެފް.އެޗް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސް ބައްދަލު ކުރާމެޗެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 17:00ގައެވެ. އަދި މި މެޗަށްފަހު މި ޑިވިޝަނުގެ އިތުރު މެޗުތައް ކުޅެވިގެންދާނެއެވެ.
މި މުބާރާތަކީ ޔޫނިއަނުން ބާއްވާ 2 ވަނަ އަށް އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. ޖުމުލަ 18 ޓީމު ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ އެފް.އީ ޕީ.އީ ހޯލުގައެވެ.





