ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުން ގެ ޔޫނިއަންގެ ވޮލީބޯލަ މުބާރާތުގައި އަންހެން ޑިވިޝަނުގެ ސެމީ ފައިނަލްގެ ޖާގަ ސްކޫލް އޮފް ނާރސިންގ (އެސް.އެން)ގެ ޓީމުން ކަށަވަރު ކުރިއިރު، ފެކަލްޓީ އޮފް ޝާރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގެ ޓީމު ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބިޒްނަސް ސްކޫލް އަދި ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފް.އެޗް.އެސް) ބައްދަލުކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން ބީ.އެސް ގެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓް ބިޒްނަސް ސްކޫލްގެ ޓީމުން ކާމިޔާބުކޮށްފައި ވަނިކޮށް އެފް.އެޗް.އެސްގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓް ކާމިޔާބުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅެވުނު ތިން ވަނަ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައިވަނީ ބިޒްނަސް ސްކޫލުގެ ޓީމުންނެވެ. ބީ.އެސްގެ ޓީމުން ސެޓުތައް ގެންދިޔައީ 25-21، 22-25 އަދި 15-10 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖާޒީ ނަމްބަރ 11 ސަމްހާ މުހައްމަދުއެވެ.
އަންހެން ޑިވިޝަނުގެ ގުރޫޕް ބީ ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި ސްކޫލް އޮފް މެޑިސިންގ (އެސް.އެމް) ގެ ޓީމެވެ. މި މެޗް ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ އެފް.އީގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މާގާމު ހާސިލްކޮށްފައިވަނީ އެފް.އީ ޓީމުގެ ޖާޒީ ނަމްބަރ 09 މަލްދާ މުހައްމަދެވެ.
ތިންވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕު އޭގެ ދެ ޓީމުކަމަށްވާ އެސް.އެން އާއި ސެންޓަރ ފޯ ފައުންޑޭޝަން (ސީ.އެފް.އެސް)ގެ ޓީމެވެ. މި މެޗުގައި އެސް.އެންގެ ޓީމުން ރީތި ކުޅުމެއް ދައްކައި ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ އިން މިވަނީ ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުގެ ސްކޯ އަކީ 25-15 އަދި 25-07 އެވެ. އެސް.އެންގެ ޓީމުގެ ޖާޒީ ނަމްބަރ 11 އާމިނަތު ފިރުޝާ ވަނީ މިމެޗުގައި ގިނަ ޕޮއިންޓުތަކެއް އެސް.އެންގެ ޓީމަށް ހޯދައިދީފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވިފައިވަނީވެސް ފިރުޝާއެވެ.
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އަދި ފެކަލްޓީ އޮފް އާރޓޮސް (އެފް.އޭ) އިން ބައްދަލުކުރި މެޗު ކާމިޔާބިކޮށް އެފް.އެސް.އެލްގެ ޓީމުން ވަނީ ފަސޭހަކަމާއެކު މިމެޗު ކާމިޔާބުކޮށް، މުބާރާތުގައި ސެމީ އާއި ހަމައަށް ދިޔުމުގެ އުންމީދުއާކޮށްފައެވެ. ސީދާ ދެ ސެޓުން އެފް.އެސް،އެލްގެ ޓީމުން މެޗުގެ ސެޓުތައް ގެންދިޔައީ 25-13 އަދި 25-07 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފައިވަނީ އެފް.އެސް.އެލް ޓީމުގެ ޖާޒީ ނަމްބަރ 5 ތާނިޔާ މޫސާއެވެ.
އަންހެން ޑިވިޝަނުގެ މެޗެއް ދެން ކުޅެވިގެންދާނީ 06 މެއި ވާ ހޯމަ ދުވަހުއެވެ. ބައްދަލުކުރާނީ އެފް.އެޗް.އެސް އަދި އެސް.އެމް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފް.އީގެ ޓީމާއި ބިޒްނަސް ސްކޫލްގެ ޓީމެވެ.
މި މުބާރާތުގައި ޖުމުލަ 18 ޓީމެއް ވަނީ ބައިވެރިވެފައެވެ. ފޯރުގަދަ މެޗުތަކެއް ފެނިގެންދާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ.





