ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 10 ވަނަ އިންޓަރފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ކަށަވަރުކޮށްފައިވާއިރު، މިއަހަރުގެ ފައިނަލުގައި މިޓީމާއި ދެކޮޅަށް ދެން ނިކުންނާނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ ބީ.އެސް)ގެ ޓިމެވެ.
ބީ.އެސްގެ ޓީމުން ފައިނަލުން ޖާގަ ހޯދީ ރޭ ސްކޫލް އޮފް ނާރސިންގ (އެސް.އެން) ޓީމާއި ސެމީ ފައިނަލުގައި ބައްދަލުކޮށް ފަސޭހަކަމާއެކު އެސް.އެން ޓީމުގެ މައްޗަށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ.
ފުރަތަމަ ސެޓުގައި ބީ.އެސްގެ ޓީމުން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާ އެސް.އެގެ ޓީމުން 8-8 އެއްވަރުކޮށް 3 ޕޮއިންޓުގެ ތަފާތަކުން ކުރިހޯދިއެވެ. ނަމަވެސް ބީ.އެސްގެ ޓީމުން ވަނީ ކުޅުން ރަގަޅުކޮށް، ޖެހިޖެހިގެން ގިނަ ޕޮއިންޓުތަކެއް ހޯދާ ސެޓް 25-18 ނަތީޖާ އިން ކާމިޔާބުކޮށްފައެވެ.
ދެވަނަ ސެޓު ފެށިގެން އައިރު ކުރީގައި އޮތީ އެސް.އެންގެ ޓީމެވެ. ފަހަތުން އަރާ 8-8ގެއި ބީ.އެސްގެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ސެޓުގައިވެސް ބީ.އެސްގެ ޓީމުން ތަފާތު ކުޅުމެއް ދައްކައި 10 ޕޮއިންޓުގެ ތަފާތަކުން ސެޓު ގެންގޮސްފައިވަނީ 15-25 އިންނެވެ. ފަހު ސެޓުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެދުތެރެއިން އެސް.އެންގެ ޓީމަށް ކައިރި ކައިރިން ހެދުނު ގޯސްތަކެއްގެ ފައިދާ ބީ.އެސް ޓީމުން ނަގާ ބީ.އެސް އިން ވަނީ 5 ޕޮއިންޓުގެ ލީޑެއްނަގާފައެވެ. މި ސެޓު ބީ.އެސްގެ ޓީމުން ގެންދިޔައީ 25-19 އިންނެވެ.
ބީ.އެސްގެ ޓީމު ލީޑުކޮށް މުޅިމެޗުގައި މޮޅު ކުޅުމެއް އެ ޓީމުގެ ކެޕްޓަން ޖާޒީ ނަމްބަރ އަހުމަދު އިޝާންގެ ފަރާތުން ފެނިގެންދިޔައިރު، މި މެޗު ގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލްކޮށްފައިވަނީ އިޝާންއެވެ.
މިފަހަރު ފައިނަލް ގައި ބައްދަލުކުރާ ބީ.އެސް އަދި އެފް.އީގެ ޓީމަކީވެސް މި މުބާރާތުގެ ތާރީހަށް ބަލާލާއިރު، ކާމިޔާބު ދެ ޓީމުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެފް.އީގެ ޓީމު ވަނީ މި މުބާރާތުގެ 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފައެވެ. ބީ.އެސްގެ ޓީމަށް އަދި ވޮލީގެ މި ފަޙުރުވެރި ވަނަ ހާސިލް ކުރެވިފައި ނުވިނަމަވެސް މިއީ ބީއެސްގެ ޓީމު ފައިނަލުގައި ކުޅޭ ދެވަނަ އަހަރެވެ. އެންމެ ފުރަތަމަ ބީ.އެސް ގެ ފިރިހެން ޓީމު ފައިނަލަށް ދަތުރުކޮށްފައިވަނީ 2020 އަހަރުއެވެ. އެއަހަރުގެ ޗެމްޕިއަނުންނަކީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒެވެ.





