ކުރިއަށްމިދާ ފޯރިގަދަ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ކުޅެވުނު އަންހެން ޑިވިޝަނުގެ ފަހު މެޗުގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓާޑިސް (އެފް.އެޗް.ޓީ.އެސް) އަދި ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) ބައްދަލުކުރި މެޗު އެފް.އެޗް.ޓީ.އެސްގެ ޓީމުން ކާމިޔާބުކޮށްފިއެވެ.
މި މެޗު އެފް.އެޗް.ޓީ އެސް އިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެ ޓީމުން ދެ ސެޓު ވެސް ގެންދިޔައީ 25 – 16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.އެޗް.ޓީ.އެސްގެ ޖާޒީ ނަމްބަރު 18 ޝަމްހާ އިބްރާހީމެވެ.
މި ގުރޫޕުގައި ދެން ކުޅެވިގެން ދިޔައީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް (ސީ.އެފް.އެސް) އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) ބައްދަލު ކުރިމެޗެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ސީ.އެފް.އެސް އިން ކާމިޔާބުކޮށްފައިވަނީ ދެ ސެޓް އެއް ސެޓުންނެވެ. ފުރަތަމަ ސެޓް ސީ.އެފް.އެސް އިން 25-22 އިން ގެންގޮސްފައިވަނިކޮށް، ދެވަނަ ސެޓުގައި އެފް.އެސް.އެލް އިންވަނީ 16-25 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް ނަތީޖާ ނެރުމަށް ކުޅެވުނު ތިން ވަނަ ސެޓުގައި ސީ.އެފް.އެސް ކުޅުންތެރިން އިތުރު ހިތްވަރާއެކު މޮޅު ކުޅުމެއްދައްކައި ބޮޑު ތަފާތަކުން ސެޓު ގެންދިޔައީ 15-02 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސީ.އެފް.އެސްގެ ކެޕްޓަން ޖާޒީ ނަމްބަރ 12 އައިޝަތު ނައުރީންއެވެ.
އެފް.އެޗް.ޓީ.އެސް މިއަދުގެ މޮޅާއެކު މުބާރާތް ނިންމާލިއިރު، އެފް.އޭގެ ޓީމަށް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި ގުރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ސްކޫލް އޮފް ނާރސިންގ ޓީމު އަދި ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްއެވެ. މި މެޗުގެ ނަތީޖާއާއެކު އެފް.އެޗް.ޓީ.އެސް ގެ ޓީމު ގުރޫޕްގެ ހަތަރު ވަނަ ހޯދައިފައިވާއިރު، ފަސްވަނައިގައި އޮތީ އެފް.އޭގެ ޓީމެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި 09 އަދި 10 ވަނަ ދުވަހު އެމް.އެން.ޔޫ އެފް.އީ ޕީ ހޯލުގައެވެ.





