ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ކުޅެވުނު ފިރިހެން ޑިވިޝަނުގެ ގުރޫޕް އޭގެ ފަހު މެޗުތައް މިރޭ ކުޅެވިގެންދިޔައިރު، ސްކޫލް އޮފް ނާރސިންގ (އެސް.އެން) އަދި ސްކޫލް އޮފް މެޑިސިންގ (އެސް.އެމް) ބައްދަލުކުރި މެޗު އެސް.އެން ކާމިޔާބުކޮށް ސެމީ އަށް ދަތުރުކޮށްފިއެވެ.
މި ރޭ ކުޅެވިގެންދިޔަ ފުރަތަމަ މެޗުގައި މި ދެ ޓީމު ބައްދަލުކޮށް ސީދާ ދެސެޓުން ފަސޭހަކަމާއެކު އެސް.އެންގެ ޓީމުން އެސް،އެމްގެ މައްޗަށްކުރި ހޯދައި މެޗު ކާމިޔާބުކުރީ 25-08 އަދި 25-09 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސް.އެން ޓީމުގެ ޖާޒީ ނަމްބަރ 21 އަލީ ގާނިމްއެވެ.
ދެވަނަ މެޗުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައިވަނީ އެފް.އީގެ ޓީމެވެ. މި މޮޅާއެކު އެފް.އީ އިންވަނީ ސެމީ އިން ޖާގަ ހޯދާފައެވެ. އެފް.އީ އިން ސެޓުތައް ގެންގޮސްފައިވަނީ 25-22 އަދި 25-11 އިންނެވެ. ފުރަތަމަ ސެޓުގައި ވާދާވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފައިވަނީ އެފް.އީގެ ކެޕްޓަން ޖާޒީ ނަމްބަރ 21 ފަރުހަތު ޖަލީލެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލު ކުރެވިފައިވަނީ މެއި 09 އަދި 10 ވަނަ ދުވަހުއެވެ. މެއި 09 ވަނަ ދުވަހު އަންހެންޑިވިޝަނުގެ ސެމީގައި ބައްދަލުކުރާނީ ސްކޫލް އޮފް ނާރސިންގ ޓީމާއި ފެކަލްޓީ އޮފް އެޑިއުކޭޝަން އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް އާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ. މެއި 10 ވަނަ ދުވަހު ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު، ބައްދަލުކުރާނީ ފެކަލްޓީ އޮފް އެޑިއުކޭޝަން އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އަދި ސްކޫލް އޮފް ނާރސިންގ އާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލްއެވެ.
މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 11 ވަނަ ދުވަހުއެވެ.





