10 ވަނަ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ޝަހާ އަދި އިޝާން ހޮވިއްޖެއެވެ.
ސްކޫލް އޮފް ނާރސިންގެ ޖާޒީ ނަމްބަރ 05 މަރިޔަމް ޝަހާ އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ޓީމުގެ ޖާޒީ ނަމްބަރ 11 އަހުމަދު އިޝާން ވަނީ މި އަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއްދައްކާފައިވެއެވެ. މި ދެ ކުޅުންތެރިންވަނީ ދެ ޓީމުގެ ކެޕްޓަންގެ ޒިންމާ ފުރިހަމަ އަށް އަދާކޮށް، ފަޚުރުވެރި ޗެމްޕިއަން ތަށި ޓީމަށް ހޯދައިދިނުމުގައި ވެސް އިސްރޯލެއް އަދާކޮށްފައެވެ. އަންހެން ޑިވިޝަނުގެ ތަށި ސްކޫލް އޮފް ނާރސިންގ އިން އުފުލާލީ ޖެހިޖެހިގެން 5 އަހަރު ފައިނަލުގައި ކުޅެ، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދާ މުބާރާތުގެ ތަށި މިލްކުކުރުމުގެ ފަޙުރާއެކުއެވެ. އެމް.އެން.ޔޫ ބީ.އެސް ގެ ޓީމުން މުޅިން އަލަށް މުބާރާތުގެ ތަށި ކާމިޔާބުކުރިއިރު، ފާހަގަކޮށްލެވޭ އަނެއް ހާއްސަ ކަމަކީ މި ދެ ޓީމުންވެސް ފައިނަލަށް ދަތުރުކޮށްފައިވަނީ މުބާރާތުގެ 100 އިންސަންތަ މޮޅާއެކުގައިކަން ފާހަގަކޮށްލެވެއެވެ.
ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ފާހަގަވެގެންދިޔަ މި މުބާރާތުގެ ދެ ޑިވިޝަނުގެ މޮޅު ހަ ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ. އެގޮތުން އަންހެން ޑިވިޝަނުގެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސްކޫލް އޮފް ނާރސިންގގެ 3 ކުޅުންތެރިންނަކީ ޖާޒީ ނަމްބަރ 11 އައިމިނަތު ފިރުޝާ، ޖާޒީ ނަމްބަރ 19 މަނާލް އިސްމާއިލް ރަޝީދު އަދި އެ ޓީމުގެ ސެޓަރ ޖާޒީ ނަމްބަރ 09 އައިޝަތު މަލްދާ އެވެ. މީގެ އިތުރުން ދެން ހޮވިފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޖާޒީ ނަމްބަރ 08 އައިމިނަތު އިބާ އާއި އެމް.އެން.ޔޫ ބީޒްނަސް ސްކޫލް ޓީމުގެ ޖާޒީ ނަމްބަރ 19 މާޔާ ހުސައިން ސޮލާހުގެ އިތުރުން އެ ޓީމުގެ ޖާޒީ ނަމްބަރ 17 ފާތިމަތު ރައުފާއެވެ.
ފިރިހެން ޑިވިޝަނުގެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ސެޓަރ ޖާޒީ ނަމްބަރ 12 އަހުމަދު އީމާން، އެ ޓީމުގެ ކެޕްޓަން ޖާޒީ ނަމްބަރ 21 ފަރުހަތު ޖަލީލުގެ އިތުރުން މި މުބާރާތުގައި ތަފާތު ކުޅުމެއް ދައްކާފައިވާ އެ ޓީމުގެ ޖާޒީ ނަމްބަރ 08 އަލީ ނާއިފް އެވެ. ބިޒްނަސް ޓީމުން މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޖާޒީ ނަމްބަރ 17 އަބާން އިބްރާހިމްއެވެ. އަދި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޖާޒީ ނަންބަރު 39 އަހުމަދު އަބްދުލް ރަޝީދާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޖާޒީ ނަމްބަރ 27 ވިޝާހް އަހުމަދު ހިމެނެއެވެ.
އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކަށް ސްކޫލް އޮފް ނާރސިންގެ ކޯޗު ޝުއައިބު އަހުމަދު ހޮވިފައިވާއިރު، އަހުމަދު ސޮފްވާން ވަނީ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައެވެ.
އެންމެ މޮޅު ލިބަރޯގެ މަގާމު ހާސިލްކޮށްފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ޖާޒީ ނަމްބަރ 18 އައިޝަތު ޝަހާ ނަސީރު އަދި ބިޒްނަސް ސްކޫލުގެ ޖާޒީ ނަމްބަރ 03 މާޒިން އިބްރާހިމް ނާސިރުއެވެ. މީގެ އިތުރުން 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިންނަށް ހޮވިފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ޓީމް ކެޕްޓަން ޖާޒީ ނަމްބަރ 12 އައިޝަތު ނައުރީން އަދި ބިޒްނަސް ސްކޫލް ޓީމުގެ ޖާޒީ ނަމްބަރ 05 އަހުމަދު އިލްހާމް އަލީއެވެ.
ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔަ މި މުބާރާތަކީ ޒުވާން ގިނަ ކުޅުންތެރިންނަށް ހުނަރު ދައްކާލުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ. ފާއިތުވި އަހަރުތަކުގައި މިމުބާރާތުން ވިދާލި ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް ދިވެހިރާއްޖޭގެ ގައުމީ ވޮލީ ޓިމުން ޖާގަ ހޯދައި ދަނީ ފޮނި ކާމިޔާބީތަކެއް ހޯދަމުންނެވެ. އަދި ހަމަ މިއާއެކު މި މުބާރާތުގެ ތެރެއިން ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންނަށް ގައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތުތައް ލިބޭ ކަންވެސް ފާހަގަކޮށްލެވެއެވެ.





