އެމް.އެން.ޔޫ.އެސް.ޔޫ. އިންޓަރ-ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފޯރިގަދަ ފައިނަލް މެޗުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) އާއި ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފް.އީ) ބައްދަލުކޮށް މުބާރާތުގެ ފަޚުރުވެރި ތަށި ފުރަތަމަ ފަހަރަށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން އުފުލާލައިފިއެވެ.
މިރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު އެމް.އެން.ޔޫ.ބީ.އެސްއިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25 – 18 އިން އެމްއެންޔޫބީއެސް ގެންގޮސްފައިވަނިކޮށް، 27 – 29 އިން ދެވަނަ ސެޓު ގެންދިޔައީ އެފް.އީ އިންނެވެ. ނަމަވެސް އެމްއެންޔޫބީއެސްއިން ވަނީ ޖެހިގެން އައި ދެސެޓު 25 – 22 ނާއި 25 – 19 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފަ އެވެ.
މިއަހަރުގެ މުބާރާތް ވެގެން ގޮސްފައިވަނީ ބީ.އެސް އަށް ވަރަށް ކާމިޔާބު މުބާރާތަކަށެވެ. ފިރިހެން އަދި އަންހެން ޑިވިޝަނުގެ ފައިނަލުގައިވެސް ބީ.އެސް ދެ ޓީމުވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަންހެން ޑިވިޝަންގައި އެސް.އެން އާއި ވާދަކޮށް ބިޒްނަސް ސްކޫލަށް ރަނަރ އަޕް ކަންވަނީ ލިބިފައެވެ.
އެމްއެންޔޫބީއެސް ފިރިހެން ޓީމުން މުބާރާތުގެ ތަށި ދިފާޢުކޮށްފައިވަނީ ކޯޗު ސޮފްވާން (ސޮއްޕެ)ގެ އިރުޝާދުގެ ދަށުން މުޅި މުބާރާތުގެ 100އިންސައްތަ މޮޅުވުމުގެ ރެކޯޑަކާއިއެކުގައެވެ. ފައިނަލް މެޗުގައި އެފް.އީގެ މައްޗަށް ތަފާތު މޮޅު ކުޅުމަކާއިއެކު ކުރިހޯދުމަށްފަހު މުޅި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާކަން އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ކެޕްޓަން، ޖާޒީ ނަންބަރު 11 އަހުމަދް އިޝާންވަނީ ހޯދާފައެވެ.





