ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2024″ގެ ފުރަތަމަ ދުވަހު ހަތަރު ބަހުސް އެއް ކުރެވިފައި ވާއިރު، އެފް.އެސް.އެލް، އެސް.އެމް އާއި އެފް.އީ އަދި އެމް.އެން.ޔޫ ބީ.އެސް ބަހުސްތަކުން މޮޅުވެއްޖެއެވެ.
މެއި 17 ވަނަ ދުވަހު ބޭއްވުނު މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތަށްފަހު ފުރަތަމަ ބަހުސް އޮތްއިރު، މި ބަހުސްގައި ބައްދަލުކޮށްފައިވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އެވެ. މި ބަހުސް އެފް.އެސް.އެލްގެ ޓީމުން ކާމިޔާބުކުރީ 746 – 568 ނަތީޖާ އަކުންނެވެ. މި ބަހުސްގެ މައުޟޫއަކީ “ މަތީ ތަޢުލީމު ޙާސިލުކުރާ ފިރިހެން ދަރިވަރުން މަދުވަނީ ތަޢުލީމީ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތުގެ ސަބަބުންނެވެ.“ ކަމަށްވާއިރު، މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނީ މައުޟޫއާ އެއްކޮޅަށް ބަހުސްކުރި އެފް.އެސް.އެލް ޓީމުގެ މުޙައްމަދު އައިޝް މުސްތަފާއެވެ.
މުބާރާތުގެ ދެވަނަ ބަހުސްކަމުގައިވާ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އާއި ސްކޫލް މެޑިސިންގ (އެސް.އެމް) ބައްދަލުކުރި ބަހުސް 285 ޕޮއިންޓުގެ ތަފާތަކުން ކާމިޔާބުކުރީ އެސް.އެމްގެ ޓީމެވެ. “ ދިވެހި އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް ސިފައިންގެ އިލްޒާމީ ޚިދުމަތް ތަޢާރަފްކުރަން ޖެހެއެވެ.“ މި މައުޟޫއަށް ކުރެވުނު މިބަހުސްގައި އެސް.އެމްގެ ޓީމުން 884 ޕޮއިންޓް ހޯދާފައިވާއިރު، އެފް.އެޗް.އެސްގެ ޓީމަށް ލިބިފައިވަނީ 599 ޕޮއިންޓެވެ. މައުޟޫއާއި ދެކޮޅަށް ބަހުސްކޮށް، މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ މަގާމު ހާސިލްކޮށްފައިވަނީ އެސް.އެމް ޓީމުގެ އަނޫފް ޢަބުދުﷲއެވެ.
މިރޭގެ ތިންވަނަ ބަހުސްގައި ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) ބައްދަލުކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އާއި ދެކޮޅަށެވެ. މި ބަހުސްގައި މައުޟޫއާ އެއްކޮޅަށް ބަހުސްކޮށް އެފް.އޭގެ ޓީމަށް 623 ޕޮއިންޓް ލިބިފައިވާއިރު އެފް،އީގެ ޓީމުން ވަނީ 629 ޕޮއިންޓު ހޯދައި ބަހުސް ކާމިޔާބުކޮށްފައެވެ. މި ބަހުސްގެ މައުޟޫއަކީ “ ތުއްތުކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖެއްސޭނީ ޅަފަތުގެ ތައުލީމު ދިވެހިބަހުން ދީގެންނެވެ.“ އެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ އެފް.އީ ޓީމުގެ ޢާއިޝަތު މައީޝާ ހާތިމް އެވެ.
ފުރަތަމަ ދުވަހުގެ ފަހު ބަހުސްގައި އެމް.އެންޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ ބީ.އެސް) އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) ބައްދަލުކޮށް ބަހުސްކުރި މައުޟޫއަކީ ”މަގުމަތީގެ ރައްކާތެރިކަން ޤާއިމު ކުރެވޭނީ އުޅަނދު އެތެރެކުރުން މަދުކޮށްގެންނެވެ“. މިބަހުސް 612 ޕްއިންޓުން ކާމިޔާބުކޮށްފައިވަނީ މައުލޫއާއި އެއްކޮޅަށް ބަހުސްކުރި އެމް.އެން.ޔޫ ބީ.އެސްގެ ޓީމެވެ. އެފް.އެޗް.ޓީ.އެސްގެ ޓީމަށް ލިބިފައިވަނީ 343 ޕޮއިންޓެވެ. މި ބަހުސްގައި ފަޑިޔާރުންވަނީ މޮޅު ބަހުސްކުރުންތެރިޔާގެ މަގާމަށް އެކަޝޭނަ މިންވަރަށް އެއްވެސް ބައިވެރިޔަކަށް މާރކްސް ނުލިބޭކަން ފާހަގަކުރަށްވާފައެވެ. މި ބަހުސްގައި ރަގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރަށްވާ އަދި ރަގަޅުކުރެވޭނެ ގޮތްތަކުގެ މައްޗަށްވެސް ފަޑިޔާރުންވަނީ އަލިއަޅުވާލާފައެވެ.
މި މުބާރާތުގެ އިތުރު ތިން ބަހުސެއް މާދަމާ 18 މެއި ވާ ހޮނިހިރު ދަވަހުގެ ރޭ އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައި ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ބާއްވާ އެއްމެ ބޮޑު އެއް އިލްމީ ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2013 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 11 ވަނަ މުބާރާތެވެ.