ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ބަހުސް މުބާރާތުގެ ފައިނަލުގައި މިފަހަރުވެސް ބައްދަލުކުރާ ދެ ޓީމަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އަދި ސްކޫލް އޮފް މެޑިސިން (އެސް.އެމް)ގެ ޓީމެވެ.
މި ދެ ޓީމުން ފައިނަލަށް ދަތުރުކޮށްފައިވަނީ 23 މެއި ވީ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ސެމީ ފައިނަލުގެ ބަހުސްތަކުން ކުރިހޯދައިގެންނެވެ. ސެމީ ފައިނަލުގެ ފުރަތަމަ ބަހުސްގައި އެސް.އެމް އަދި ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) ބައްދަލުކުރިއިރު، މައުޟޫއަކީ “ ތަރައްޤީ ގެނެވޭނީ އާބާދީ އެއްފަސްކުރެވިގެންނެވެ.“ އެވެ. މި ބަހުސް މައުޟޫ އާއި ދެކޮޅަށް ވަކާލާތުކޮށް އެސް.އެމްގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 864 – 632 ގެ ނަތީޖާއަކުންނެވެ. މި ބަހުސްގެ މޮޅު ބަހުސްކުރުންތެރިޔާގެ މަޤާމު ހާލިސްކޮށްފައިވަނީ އެސް.އެމް ޓީމުގެ އަހުމަދު ޝާބިން އެވެ.
ދެވަނަ ސެމީ ފައިނަލުގައި އެފް.އެސް.އެލް ބައްދަލުކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)އާއެވެ. މި ބަހުސް އެފް.އެސް.އެލް އިން ކާމިޔާބުކުރީ 868-635 ގެ ނަތީޖާއަކުންނެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ އެފް.އެސް.އެލްގެ މުޙައްމަދު އައިޝް މުޞްޠަފާ އެވެ. ބަހުސްގެ މައުޟޫއަކީ ”ދިވެހިންނަކީ ތަހުޒީބުވެފައިވާ ބައެކެވެ.“ ކަމަށްވާއިރު މި ބަހުސްގައި އެފް.އެސް.އެލް އިން ބަހުސްކުރީ މައުޟޫއާ ދެކޮޅަށެވެ.
މިއަހަރުގެ ފައިނަލަށް ދަތުރުކުރި ދެ ޓީމުކަމަށްވާ އެސް.އެމް އަދި އެފް.އެސް.އެލް އަކީ ވަރަށް ވާދަވެރި ދެ ޓީމުގެ ގޮތުގައި ފާހަގަކޮށްލެވޭ ދެ ޓީމެވެ. ވާހަކަދެއްކުންތެރިކަމަށް ކުޅަދާނަ ބައިވެރިންތަކެއް ހިމެނޭ މި ދެ ޓީމަކީ ފާއިތުވި އަހަރުގެ ވެސް ފައިނަލުގައި ބައްދަލު ކުރި ދެޓީމެވެ. އެބަހުސް ކާމިޔާބުކޮށް އެސް.އެމްގެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލާފައެވެ.
މި މުބާރާތުގެ ފޯރިގަދަ ފައިނަލް ބަހުސް 25 މެއިވާ ހޮނިހިރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އަހަރުގެ ފައިނަލް ބަހުސްގެ މައުޞޫއަކީ “ ދިވެހިބަސް އިތުރަށް ދިރުވައި އާލާކުރެވޭނީ މަދަރުސާތަކަށެވެ.“ ކަމަށްވާއިރު، މައުޟޫއާއި އެއްކޮޅަށް އެފް.އެސް.އެލްގެ ޓީމުން ބަހުސްކުރުމަށް ހަމަޖެހިފައިވާއިރު، އެސް.އެމް އިން ވަކާލާތުކުރާނީ މައުޟޫއާއި ދެކޮޅަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ބާއްވާ އެއްމެ ބޮޑު އެއް އިލްމީ ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2013 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 11 ވަނަ މުބާރާތެވެ.