ކުރިއަށްމިދާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިނގިރޭސި ބަހުސް މުބާރާތުގެ ހަތަރުވަނަ ބަހުސްގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ ) އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) ބައްދަލުކުރި ބަހުސް ވެސް އެފް.އެސް.އެލް އިން ކާމިޔާބުކޮށްފިއެވެ.
09 ޖޫން ވީ އާދިއްތަ ދުވަހު އެމް.އެން.ޔޫ އެފް.އީ އޮޑިޓީރިއަމްގައި ކުރިއަށްދިޔަ މި ބަހުސް މައުޟޫ އާއި ދެކޮޅަށް ބަހުސްކޮށް އެފް.އީގެ މައްޗަށް އެފް.އެސް.އެލް އިން ކުރިހޯދާފައިވަނީ 1406 ޕޮއިންޓުގެ ނަތީޖާއަކުންނެވެ. އެފް.އީގެ ޓީމަށް ލިބިފައިވަނީ 1333 ޕޮއިންޓެވެ. މި ބަހުސްގެ މޮޅު ބަހުސް ކުރުންތެރިޔާއަށް ހޮވިފައިވަނީ އެފް.އެސް.އެލް ޓީމުގެ މާހީ އަގްލީލްއެވެ.
މި މުބާރާތުގެ އިތުރު ދެ ބަހުސެއް 10 ޖޫން ވާ ހޯމަ ދުވަހުގެ ރޭ ވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާރު، އެންމެ ފުރަތަމަ އޮންނާނީ ސްކޫލް އޮފް މެޑިސިން (އެސް.އެމް) އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް (ސީ.އެފް.އެސް) ބައްދަލުކުރާ ބަހުސްއެވެ. އަދި މި ބަހުސަށް ފަހު އެފް.އީ އާއި ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލަޖީ (ފެސްޓް) ބައްދަލުކުރާ ބަހުސް ވަނީ ތާވަލުކުރެވިފައެވެ.
ދަރިވަރުންގެ ޔޫނިއަނުން ކުރިއަށްމިގެންދެވޭ އިނގިރޭސި ބަހުސް މުބާރާތަކީ އިނގިރޭސިބަހަށް ފަރިތަ، މިފަންނަށް ޝައުޤުވެރިވާ ދަރިވަރުންނަށް، ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ މުބާރާތެކެވެ.