އެހީ ފައުންޑޭޝަނުން ކުރިއަށްގެންދާ ”އިފްތާރު 1446 އިނީޝިއޭޓިވްގެ” ދަށުން މިއަދު ސަލްމާން މިސްކިތުގައި ބޭއްވުނު ‘އިފްތާރު’ ބެހުމުގެ ޙަރަކާތުގައި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ބައިވެރިވެއްޖެއެވެ.
މި ޙަރަކާތުގައި އެސް.އެމް ގެ ދަރިވަރުން ވަނީ އިފްތާރު ޕެކްތައް ބެހުމާއި، ސުފުރާމަތި އަޅައި ތައްޔާރުކުރުމުގައި އެހީތެރިވެފައެވެ. އަދި އެ ސަރަޙައްދުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީންގެ އިތުރުން ދިވެހިންނަށްވެސް އިފްތާރު ޕެކްތައް ބެހުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެހީ ފައުންޑޭޝަނުން މިހާރު ވަނީ ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން ރާއްޖެތެރޭގެ ސަރަޙައްދުތަކުގައިވެސް އިފްތާރު ބެހުމުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ރަމަޟާން މަހުގެ ވޭތުވެދިޔަ ދުވަސްތަކުގައި ގާތްގަންޑަކަށް 17،000 އަށްވުރެ ގިނަ އިފްތާރު ޕެކް ބަހާފައިވާކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
“ މިފަދަ މާތް މައްސަރެއްގައި މުޖުތަމަޢުގައި ހާލުގައި ޖެހިފައިވާ މީހުންނާއި ފަޤީރުންނަށް އެހީތެރިވުމުގެ ފުރުޞަތު ލިބުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް “ މި ޙަރަކާތުގައި ބައިވެރިވި ދަރިވަރަކު ބުންޏެވެ.
މި ރަމަޟާން މަހުގައި އިފްތާރު ބެހުމުގެ ޙަރަކާތްތައް އެހީ ފައުންޑޭޝަނުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހައިލައިގެން ކުރިޔަށްގެންދަމުންނެވެ. އަދި އުންމިދަކީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިކަހަލަ ޙަރަކާތްތަކުގައި ދަރިވަރުން، އެހެނިހެން ޖަމްޢިއްޔާތަކާ އެކު ވެސް މަސައްކަތްކުރުމެވެ. އަދި ރަމަޟާން މަހުގެ ދުވަސްތައް މިފަދަ ހެޔޮ ކަންތައްތައް ކުރުމުގައި ވޭތުކުރުމެވެ.





