ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް)ގެ އައު ހިންގާ ކޮމިޓީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ 2021 ވަނަ އަހަރުގެ މާރިޗު 17 ވީ ބުދަ ދުވަހުގައެވެ. އަދި ބައްދަލުވުން އޮތީ އެމް.އެން.ޔޫ.އެސް.ޔޫ އޮފީހުގައެވެ.
މި ބައްދަލުވުމުގައި އެސް.އެސް.އެލްގެ ހިންގާ ކޮމިޓީއާއި، އެމް.އެން.ޔޫ.އެސް.ޔޫ ހިންގާ ކޮމެޓީގެ މެމްބަރުންނާއި، އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ވޭތުވެދިޔަ ދައުރުތަކުގަައި ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމެޓީގައި މަސައްކަތްކޮށްފައިވާ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އެސް.އެސް.އެލް އިން 2021 ވަނަ އަހަރު ކުރިއަށް ގެންދާނެ ހަރަކާތްތަކާ މެދު މަޝްވަރާ ކުރެވިފައިވެއެވެ. އެގޮތުން ޤުރްއާން މުބާރާތާއި، ރަމަޟާން މަހުގައި އެސް.އެސް.އެލް އިން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކުރެވިފައެވެ. އަދި މި ހަރާކާތްތައް އިންތިޒާމުކުރުމުގައި ދިމާވެދާނެ ދަތިތަކާމެދު ވެސް ވާނީ މަޝްވަރާކުރެވިފައިވެއެވެ.
ކޮންމެ އަހަރަކުވެސް އެމް.އެން.ޔޫ.އެސް.ޔޫ އާއި އެސް.އެސް.އެލްއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދެއެވެ. އެގޮތުން މިއަހަރުވެސް އެސް.އެސް.އެލްގެ ހަރަކާތްތައް ހިންގުމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދެއްވެންހުރި އެއްބާރުލުމެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ޔޫނިއަންއިން ދެއްވަފައިވެއެވެ.