ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ލީޑަރސް ގްރޫޕަށް އަލަށް ވަންނަ މެންބަރުންނަށް ބާއްވާ ”ލީޑަރސް ނައިޓް“ މި ޓާރމުގައި ދެވަނަ ފަހަރަށް ކުރިއަށް ގެންގޮސްފިއެވެ.
2022 ވަނަ އަހަރުގެ ފުރަތަމަ ޓާރމުގެ ފުރަތަމަ ލީޑަރސް ނައިޓް ބޭއްވުނީ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހެވެ. އެރޭ އެކަނި 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު، މާރިޗު 2 ވީ ބުދަދުވަހުގެރޭ ބޭއްވުނު 2 ވަނަ ލީޑަރސް ނައިޓުގައި 50 ށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.


ސީ.އޭ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ މި ޙަރަކާތުގައި ދަރިވަރުންގެ ޔޫނިއަންގެ ލީޑަރސް ގްރޫޕަކީ ކޮބައިކަމާއި އެ ގްރޫޕްގެ މަޤްޞަދުގެ އިތުރުން މެންބަރުންނަށް ހުރި ފުރުޞަތުތަކުގެ ވާހަކަ ވަނީ ޙިއްސާކުރެވިފައެވެ. މީގެ އިތުރުން ދަރިވަރުން ޔޫނިއަން އަށް ޝަޢުޤުވެރިކުރުމުގެ ގޮތުން ޔޫނިއަންއާ ގުޅޭ މަޢުލޫމާތު އެކުލެވޭ ”ކަހޫޓް“ ކުއިޒެއް ކުރިއަށް ގެންދެވިފައިވެއެވެ. އަދި މެންބަރުން އެކަކު އަނެކަކާ ގުޅުން ބަދަހިވާނެފަދަ ޙަރަކާތްތައްވެސް އެރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫއިން ސިލްސިލާގޮތެއްގައި ބާއްވަމުން ގެންދާ ލީޑަރސް ނައިޓަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން ހިންގަމުން ގެންދާ ހަރަކާތްތައް އައު ލީޑަރުންނަށް ކިޔައިދިނުމަށާއި، އެމް.އެން.ޔޫ.އެސް.ޔޫގެ މެންބަރުންނާއެކު އައު ލީޑަރުން ތަފާތު މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ މަޤްޞަދުގައި ބާއްވަމުން ގެންދާ ހަރަކާތެކެވެ.





