ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ހިތަދޫ ކެމްޕަހުގެ ގޮފި ”ދޮންދީނި“ގެ ހިންގާ ކޮމިޓީ އިފްތިތާހުކޮށްފިއެވެ.
އެ ގޮފީގެ ހިންގާ ކޮމިޓީ އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކައި ހިތަދޫ ކެމްޕަހުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ.
މި ޖަލްސާ ޝަރަފުވެރިކޮށް، ހިންގާ ކޮމިޓީގެ މެމްބަރުންނަށް މަގާމުގެ ލިޔުން އަރުވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ.މުޙައްމަދު ޝަރީފެވެ.
މި ޖަލްސާގައި ހާއްސަ މެހުމާނުންގެ ގޮތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަރުޝަދު އަޝްރަފް އާއި، އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ އެސިސްޓެންޓް ސެކްރެޓަރީ އައިޝަތު އީފާ އާއި، އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ސެކްރެޓަރީ ފާތިމަތު ނަޝާތު ވަހީދު އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގެ މެނޭޖަރު އިދުހާމް ފަހުމީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ހިތަދޫ ކެމްޕަހުގެ ރޫމް 9ގައި ބޭއްވި މި ޖަލްސާގައި ވައިސް ޗާންސެލަރު ޑރ.މުޙައްމަދު ޝަރީފު ވަނީ ވާހަކަފުޅުދައްކަވާފައެވެ. ޑރ.މުޙައްމަދު ޝަރީފުގެ ވާހަކަފުޅުގައި ދަރިވަރުން ކިޔެވުމާއި އިތުރު ހަރަކާތްތައް ބެލެންސްކޮށްގެން ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ދަރިވަރުން ކުރިއަރައިދިއުމަށް ހިތްވަރުދެއްވި އެވެ.
ވައިސް ޗާންސެލަރުގެ އިތުރުން މި ޖަލްސާގައި މަގާމާ ހަވާލުވުމަށްފަހު ގޮފީގެ ރައީސް މުޙައްމަދު ހިޒްޔަމްވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ހިޒްޔަމްގެ ވާހަކަފުޅުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ދޮންދީނި ގޮތްޕަށް ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދެންނެވި އެވެ. އަދި އައު ހިންގާ ކޮމެޓީގެ އަމާޒުތަކާއި ލަނޑުދަނޑިތައް ޖަލްސާގެ ބައިވެރިންނާ ހިއްސާކުރެއްވިއެވެ.މީގެއިތުރުން، މި ޖަލްސާގައި ހިތަދޫ ކެމްޕަހުގެ މެނޭޖަރު އިދުހާމް ފަހުމީ އާއި އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ އެސިސްޓެންޓް ސެކްރެޓަރީ އައިޝަތު އީފާ ވަނީ ވާހަކަފުޅުދައްކަވައި، އައު ހިންގާ ކޮމިޓީއަށް މަރުހަބާ ދަންނަވާފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ދޮންދީނި ގޮފީގެ ހިންގާ ކޮމިޓީގެ މެމްބަރުން؛
- މުޙައްމަދު ހިޒްޔަމް (ރައީސް)
- އަނާ ހަސަން (ނާއިބު ރައީސް – ޢިލްމީ)
- އާނީ އާދިލް (ނާއިބު ރައީސް – އިތުރު ޙަރަކާތް)
- އިބާދާ ޝިހާބު (ޚަޒާންދާރު)
- ދީނާ މޫމިން (ސެކްރެޓަރީ)
- މަރިޔަމް އީނާސް (މީޑިއާ ކޯޑިނޭޓަރ)
ދޮންދީނި ގޮފީގެ ހިންގާ ކޮމިޓީ ތަޢާރަފްކޮށްފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ކެމްޕަސް ދަތުރާ ގުޅުވައިގެންނެވެ.
ސިލްސިލާ ގޮތެއްގައި 2018 ވަނަ އަހަރުން ފެށިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ހިންގާ މި ދަތުރުތައް 2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން ހުއްޓުމަކަށް އައި ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ.






