ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ އާއިޝަތު ޝާހީން އަދި ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ގޮފިތަކުގެ ރައީސުން އަދި ނައިބުރައީސުންނާއި ބައްދަލުކުރައްވައިފިއެވެ. 17 އޭޕްރީލް 2018 ވީ އަންގާރަ ދުވަހުގެ މެންދުރުފަހު 02:00ގައި އެމް.އެން.ޔޫ ކޮންފަރެންސް ހޯލްގައި ބޭއްވުނު މި ބައްދަލުވުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ހުރިހާ ގޮތްޕެއްގެ ރައީސުން އަދި ނައިބުރައީސުންގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީއިންވެސް ބައިވެރިވެވަޑައިގަތެވެ. ގޮފިތަކުގެ ރައީސުން އަދި ނައިބުރައީސުންނާ ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްސަދަކީ ގޮފިތަކުން މިއަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އެމް.އެން.ޔޫގެ މެނޭޖްމެންޓާއި ހިއްސާކުރުމާއި މިހާތަނަށް ދިމާވެފައިހުރި ދަތިތަކާބެހޭގޮތުން މަޝްވަރާކުރުމެވެ.
ހުރިހާ ގޮފިތަކަކުންވެސް ވަނީ މިއަހަރު ކުރިޔަށް ގެންދާނެ ގިނަ ހަރަކާތްތަކެއް ރާވާފައިކަން މި ބައްދަލުވުމުން އެނގުނެވެ. މެންބަރުންގެ ތަޢާރަފަކަށްފަހު، ގޮފިތަކުގެ މެންބަރުންވަނީ މި މައުލޫމާތުތައް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ. ކުޅިވަރުގެ ހަރަކާތްތަކެކޭވެސް އެއްފަދައިން، ޢިލްމީ ގިނަ ހަރަކާތްތައްވެސް ކުރިޔަށް ގެންދިޔުމަށް ގޮފިތަކުންވަނީ ނިންމާފައިކަން މި ބައްދަލުވުމުން އެނގުނެވެ.
މިއަހަރު، ގޮފިތަކުން މުޅިން އާ މޫނުތަކެއް ފެނުންކަން ވަރަށް އުފަލާއެކީ ޑީން އޮފް ސްޓޫޑެންޓްސް ނާދިޔާ މިސް ފާހަގަކުރެއްވިއެވެ. އަދި ގޮފިތަކުން ރާވާ، ހިންގާ ހަރަކާތްތައް ހިއްސާކުރެއްވީތީ، އެކަމާ އުފާކުރާ ވާހަކަވެސް މިސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
”ތިކުދިންނަކީ އެމް.އެން.ޔޫގެ މޫނު ބަލާ ލޯގަނޑު. ތިކުދިންނަކީ އެހެން ކުދިން މިސާލަކަށް ބަލާނެ ކުދިން. ތިކުދިންގެ ފަރާތުން ދައްކަންޖެހޭ ރީތި ނަމޫނާ އަބަދުވެސް އެހެން ދަރިވަރުންނަށް ދެއްކުން ވަރަށް މުހިންމު.“
– ޑީން އޮފް ސްޓޫޑެންޓްސް، ނާދިޔާ މިސް
ގޮފިތަކުގެ ހިންގާ ކޮމިޓީގެ މެންބަރުންނަކީ ފެކަލްޓީތަކުގެ އެންމެ އިސް ދަރިވަރުންކަމަށް ޑީން އޮފް ސްޓޫޑެންޓް ނާދިޔާ މިސް ވިދާޅުވިއެވެ. އަދި ނަމޫނާ ދަރިވަރުންތަކަކަށް ވާނެކަމަށް މިސް އުންމީދުކުރާ ވާހަކަވެސް ވިދާޅުވިއެވެ.
– ބައްދަލުވުމުގެ ތެރެއިން
ކޮންމެ ގޮތްޕަކުންވެސް، އެ ދާއިރާއަކާ ގުޅުންހުރި ހަރަކާތްތަކެއް ހިންގުމަށް ރާވާފައިހުރިކަން ޑެޕިއުޓީ ވައިސް ޗާންސެލަރ ޝާހީން މިސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
”މުޖުތަމަޢުއަށް ފައިދާހުރި ކަންކަމުގައި ހަރަކާތްތެރިވުން ވަރަށް މުހިންމު. އެއީ އަޅުގަނޑުމެން ބޭނުންވާ އެއްކަމެއް އެއީ. ކޮންމެ ގޮތްޕަކުންވެސް އެ ކުއްޖަކު ކިޔަވާ ދާއިރާއެއްގެ ގޮތުން، ދާއިރާއާ ގުޅުންހުރި ކަންތައްތައް ކުރުން ވަރަށް މުހިންމު. ވަރަށް އުފާވޭ، ތިކުދިން ކިޔަވާ ދާއިރާތަކުން އިތުރު ކުރިއެރުމެއް އެ ލިބެނީ“
- ޑީ.ވީ.ސީ، ޝާހީން މިސް
އެކި ގޮފިތަކުން އެއް ތާރީހެއްގައި ހަރަކާތްތައް ބޭއްވުމުން މީޑިއާއަށް ދަތިވާ ވާހަކަވެސް މިސްގެ ވާހަކަފުޅުގައި ފާހަގަކޮށްލާފައިވެއެވެ. ހަރަކާތްތައް ހިންގުމުގައި ވަކިވަކިން ހަރަކާތްތައް ހިންގުމުގެ ބަދަލުގައި ގޮފިތައް ގުޅިގެން ހަރަކާތްތައް ހިންގުމަށް އިސްކަންދިނުމަށް ޑެޕިއުޓީ ވައިސް ޗާންސެލަރ ޝާހީން މިސް ނަސޭހަތްތެރި ވެލެއްވިއެވެ.