ސޮސައިޓީ ފޯރ ހޮސްޕިޓާލިޓީ އެންޑު ޓުއަރިޒަމް ސުޓަޑީޒް (ޝެޓްސް) އިން އިސްނަގައިގެން 2023 ވަނަ އަހަރުގެ ފުރަތަމަ ޓާރމަށް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑު ޓުއަރިޒަމް ސުޓަޑީޒް (އެފް.އެޗް.ޓީ.އެސް) އަށް އަލަށް ގުޅުނު ދަރިވަރުންނަށް ހާއްސަކޮށް މި އަހަރުގެ ފުރަތަމަ ޓާރމުގެ ވެލްކަމް ނައިޓް ކުރިޔަށް ގެންގޮސްފިއެވެ.
18 ފެބުރުވަރީ ވީ ހޮނިހިރު ދުވަހުގެރޭ އެމް.އެން.ޔޫގެ ޕީ.އީ ހޯލްގައި ކުރިޔަށް ގެންދެވުނު މި ހަރަކާތުގައި އެފް.އެޗް.ޓީ.އެސްގެ ކޯސްތަކަށް އަލަށް ގުޅުނު 40 ށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ޝެޓްސްގެ ހިންގާ ކޮމެޓީއިން އިސްނަގައިގެން، ޝެޓްސްގެ އިސްވާރުންގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދެވުނު މި ހަރަކާތަކީ ފެކަލްޓީގެ ކޯސްތަކަށް އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ އިތުރަށް ޝެޓްސްގެ ހަރަކާތްތަކާ އަލަށް ގުޅެން ބޭނުންވާ އިސްވާރުންނަށް އެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
އެކުވެރި މާހައުލެއްގައި ކުރިޔަށް ގެންދެވުނު މި ހަރަކާތުގައި، އަލަށް ގުޅުނު ދަރިވަރުންނަށް، ޝެޓްސްގެ ހިންގާ ކޮމެޓީ އަދި ކުރީ ދައުރުތަކުގެ ހިންގާ ކޮމެޓީގެ މެމްބަރުން ތައާރަފު ވުމުގެ އިތުރަށް އެމް.އެން.ޔޫ.އެސް.ޔޫ ގެ މިދައުރުގެ ހިންގާ ކޮމެޓީގެ މެމްބަރުންވެސް ވަނީ ދަރިވަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ. ގިނަ ގޭމްތަކަކާއެކު ކުރިޔަށްގެންދެވުނު މި ހަރަކާތުގައި ޝެޓްސްގެ އިސްވާރުންގެ ފަރާތުން ވަނީ މުނިފޫހި ފިލުވުމުގެ ގިނަ އައިޓަމްތަކެއް ހުށަހަޅާދީފައެވެ. މި ހަރަކާތްތަކަށް ބައިވެރިންގެ ފަރާތުން ވަނީ ހޫނު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ވެލްކަމް ނައިޓާއެކު ޝެޓްސްގެ މި ޓާމުގެ ހަރަކާތްތައް ފެށިގެން ދިޔައިރު ޝެޓްސް އިންވަނީ މިއަހަރު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ. މި ގޮތުން މި މަހުގެ 23 ވަނަ ދުވަހު ޝެޓްސް ގެ ނިއު ލީޑާރސް މީޓިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު 25 ވަނަ ދުވަހު ވަނީ ނިއު ލީޑާރސް ޓްރިޕް ދިޔުމަށް ހަމަޖެހިފައެވެ. އަދި މި މަހުގެ 25 ވަނަ ދުވަހު ފެސާއިން ކުރިޔަށް ގެންދާ އިޝާރާތް މުބާރާތަށް ޝެޓްސްގެ ޓީމް ތަކުން ފަރިތަކުރުން ފަށާފައި ވާއިރު 26 ވަނަ ދުވަހު ސިއާ އިން ބޭއްވުމަށް ހަމަޖެހިފައިވާ އަދަބީ އުދަރެސް ހަރަކާތުގައި އައިޓަމް ހުށަހަޅައިދިނުމަށް ޝެޓްސް އިން އަންނަނީ ތައްޔާރު ވަމުންނެވެ.





