ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ފެސާއިން ކާމިޔާބުކަމާއެކު އެމް.އެން.ޔޫ.އެސް.ޔޫ-ފެސާ އިޝާރާތް މުބާރާތް ނިންމާލައިފިއެވެ.
މުބާރާތް ބޭއްވިގެން ދިޔައީ 25 ފެބުރުވަރީ ވީ ހޮނިހިރު ދުވަހު އެފް.އީ އޮޑިޓޯރިއަމްގައެވެ. ބައިވެރިވި ޓީމުތައް ގިނަވުމުގެ ސަބަބުން މިފަހަރު މެޗުތައް ބޭއްވިގެން ދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅި 16:00 ގައި ފެށިގެން ދިޔަ އިރު، މި ދަންފަޅީގައި ކުރިޔަށް ދިޔައީ ފުރަތަމަ ބުރާއި ދެވަނަ ބުރެވެ. ދެވަނަ ދަންފަޅި ފެށިގެން ދިޔައީ 20:00 ގައެވެ. މި ދަންފަޅީގައި ކުރިޔަށް ދިޔައީ ތިންވަނަ ބުރާއި، ހަތަރުވަނަ ބުރުގެ އިތުރުން ފައިނަލް ބުރެވެ. އެއަށްފަހު ނަތީޖާތައް އިޢުލާން ކުރެވިގެންދިޔައެވެ. މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރަރއިން ކަމުގައިވާ ޑރ. އައިމިނަތު ޝާފިޔާ އާދަމް، ހަމީޒާ އަފީފް، އައިޝަތު ސުއާދު އަދި އަޙްމަދު ޙާޝިމެވެ. މި މުބާރާތް ޝަރަފުވެރިކޮށްދެއްވައިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސްލަރ ޙުސައިން ޙަލީމެވެ.
މި މުބާރާތުގައި 8 ފެކަލްޓީއަކުން ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރާއި ޚިލާފަށް، މިއަހަރު ވަނީ ފެކަލްޓީތަކުގެ އެދުމުގެ މަތިން ކޮންމެ ފެކަލްޓީއަކުން ދެ ޓީމް ނެރުމުގެ ފުރުސަތު ފަހި ކޮށްދީފައެވެ. އެހެންކަމުން ބީ.އެސް.އެސް.އޭ އާއި ޝެޓްސްއިން ދެ ޓީމް ނެރުމުގެ ސަބަބުން މުޅިއެކު 10 ޓީމް ވާދަކޮށްފައިވެއެވެ.
ކޮންމެ ބުރެއްވެސް ކުޅުމުގެ ކުރިންވަނީ ވާދަ ކުރާ ދެ ޓީމް ކަނޑައެޅުމަށް ގުރުއަތުނަގާފައެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 4 ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ޓީމްގެ ކޮންމެ ދަރިވަރަކަށްވެސް އެއް މިނެޓު ތެރޭގައި އިޝާރާތް ކުރުމުން ޓީމުން ދިމާކުރަން ޖެހުނެވެ. ދެވަނަ ބުރުގައި ކޮންމެ ޓީމަކުން ކަނޑައަޅާ ދަރިވަރަކު އައިސް 5 މިނެޓު ތެރޭގައި ދެއްކުނު އެންމެ ގިނަ ބަހެއް އިޝާރާތުން ދައްކަން ޖެހެއެވެ. ތިންވަނަ ބުރުގައި ޓީމުން ކަނޑައަޅާ ވަކި ކުއްޖެއް އައިސް އިޝާރާތުން ދެއްކުމުން ޖަވާބު ދޭންވެސް ޖެހުނީ ޓީމުން ކަނޑައަޅާ ވަކި ކުއްޖެކެވެ. މިދިޔަ އަހަރުގައި މި މުބާރާތް ޝަރަފުވެރިކޮށްދެއްވި، ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް، އަޝްރަފް އަލީގެ ލަފާގެ މަތިން މި އަހަރު ވާނީ ބުރެއް އިތުރު ކޮށްފައެވެ. އެއީ މާނަ ބުރެވެ. މި ބުރުގައި ކޮންމެ ދަރިވަރަކުވެސް އެ ދަރިވަރަކަށް ޖެހުނު ބަހެއްގެ މާނަ ކިޔައިދޭން ޖެހުނެވެ.
އިޝާރާތުން ދައްކަން ޖެހުނު ބަސްތަކުގެ ތެރޭގައި އަދަބީ ބަސްތަކާއި، ހިފާ ގެންގުޅޭ ސާމާނާއި، އޮޑި ދޯނި ފަހަރުގެ ބައިތަކުގެ އިތުރުން ރާއްޖޭގައި ހެދޭ ގަސްތަކާއި، ބޭސްވެރިކަމަށް ގެންގުޅޭ ތަކެތީގެ ނަމުގެ ބަސްތައް ހުއްޓެވެ.
މުބާރާތުގެ ފައިނަލް ބުރަށް ގޮސްފައިވަނީ އެންމެ މަތިން މާރކްސް ލިބުން ދެ ޓީމް ކަމުގައިވާ ބީ.އެސް.އެސް.އޭ ޓީމް 1 އާއި ބީ.އެސް.އެސް.އޭ ޓީމް 2 އެވެ. މި ބުރުގައި އޮތީ ޓީމްގެ ކަނޑައެޅިފައިވާ ދެ ބައިވެރިން އައުމަށްފަހު، އެކަކު ހެޑްފޯން ޖަހައިގެން، އަނެއް ބައިވެރިޔާ ވައި އަޑުން ބަސްތައް ބުނެދިނުމެވެ.
ވާދަވެރި ފައިނަލަށްފަހު، މުބާރާތް ކާމިޔާބުކުރީ ބީ.އެސް.އެސް.އޭ ޓީމް 1 އެވެ.
މުބާރާތް ނިމުމުން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު މަރިޔަމް ސުހާ ވަނީ ޝުކުރުދެންނެވުމުގެ ބައި ފުރިހަމަ ކޮށްދީފައެވެ. އަދި މުބާރާތުގެ ޝަރަފުވެރި މެހެމާން، ޙުސައިން ޙަލީމް ވަނީ ރަސްމިއްޔާތުގައި މުޚާތަބުކުރައްވާފައެވެ. މި ކަހަލަ މުބާރާތްތައް ބޮޑަށް ފެކަލްޓީއަށް ޚާއްސަކޮށް ކުރިޔަށް ގެންދިޔުމަށް ޙުސައިން ޙަލީމް ވަނީ ލަފާދީފައެވެ.
މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވި ލެކްޗަރަރއިންނަށް ޝުކުރުއަދާ ކުރުމުގެ ގޮތުން އެބޭފުޅުންނަށްވެސް ވާނީ ހަނދާނީ ލިޔުން ދީފައެވެ. މި ލިޔުން ހަވާލު ކޮށްދިނީ ފެސާގެ ނައިބު ރައިސާ އެވެ. އަދި މުބާރާތުގައި ބައިވެރިވި ހުރިހާ ފެކަލްޓީތަކަށް އެރޭގައި ވަނީ ހަނދަނީ ލިޔުން ދީފައެވެ. ހަނދާނީ ލިޔުން ދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައިސާ (އިތުރު ހަރަކާތް) ނަޖީލާ މުސާއެވެ. މޮޅުވި ޓީމަށް ތަށްޓާއި ސެޓްފިކެޓު ހަވާލު ކުރެއްވީ ޝަރަފުވެރި މެހެމާނެވެ.
މުބާރާތް ހުށަހަޅައިދީފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުން ކަމުގައިވާ އައިމިނަތު ނާއިފާއާއި އައިމިނަތު ތައިމާ އައްބާސެވެ. އަދި މި މުބާރާތް ވަނީ ފެސާގެ ފޭސްބުކް ޕޭޖުން ލައިވް ކޮށްފައެވެ.
މިދިޔަ އަހަރުވެސް މި މުބާރާތް ބޭއްވިފައިވާ އިރު، ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ނިއަރެސްއެވެ.






